ކުޅިވަރު

އަޝްފާޤުގެ ދެ ލަނޑުން ޓީސީގެ މައްޗަށް ކުރި ހޯދީ ނިއުރޭޑިއަންޓް


އަޝްފާގުގެ ދެ ލަނޑުން ޓީސީގެ މައްޗަށް ނިއުރޭޑިއަންޓް ކުރި ހޯދައިފިއެވެ.

މެޗުގައި ޓީސީ ކޮޅަށް އަޝްފާޤު ދެ ލަނޑު ޖެހިއިރު ޓްރާންސްފަރގައި އޭނާ ޓީސީއަށް ބަދަލުވާނެކަމުގެ ވާހަކަތައްވެސް ވަނީ ފެންމަތިވެފައެވެ. އެސްޓީއޯ މާލޭ ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބާއި ނިއުރޭޑިއެންޓް ވާދަކުރި މެޗް ނިއުރޭޑިއެންޓުން ކާމިޔާބު ކުރީ 2-0 ލަނޑުންނެވެ.
ކެޕްޓަން އަލީ އަޝްފާގު ނިއުގެ ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ ފުރަތަމަ ހާފްގެ 24 ވަނަ މިނިޓްގައެވެ. ދެވަނަ ލަނޑު ޖަހާ ލީޑް ފުޅާކުރީ މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. ލީގުގައި ވެލެންސިޔާ ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު ލީގު ކަށަވަރުވެފައި އޮތުމުން ރޭގެ މެޗުގައި ނިއުގެ ކުޅުންތެރިން ފެނުނީ މާބޮޑު މަސައްކަތަކާ ނުލާ ވަރަށް ހަމަޖެހިގެން ކުޅެމުންދިޔަ މަންޒަރެވެ.
ގޯލެއް ނުޖެހުނު ނަމަވެސް ޓީސީން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތްކޮށްފައެވެ. ޓީސީގެ ކޯޗް މުހައްމަދު ނިޒާމްވެސް ވަނީ މިކަން ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

މެޗަށް ފަހު ކޯޗު ނިޒާމް ބުނީ ނިއުރޭޑިއެންޓް ކުޅުންތެރިންނާ އެއްހަމައެއްގައި ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުންތެރިން މަސައްކަތްކުރިކަމަށާއި، ގޯލެއް ޖެހުން ފިޔަވައި އެހެން ހުރިހާ ގޮތަކުންވެސް ޓީމްގެ މަސައްކަތް ރަނގަޅުކަމަށެވެ. އަދި ނިއުއަށް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ފަހި ކުރެވިފައިނުވާކަންވެސް ނިޒާމް ފާހަގަކުރިއެވެ.

މެޗަށްފަހު ނިއުގެ ކޯޗް އޮސްކާ ބްރޫޒަން ބުނީ ނަތީޖާއާމެދު ހިތްހަމަޖެހޭކަމަށެވެ. އޮސްކާ ބުނީ ފުރަތަމަ އެގާރައިގެ މުހިންމު ބައެއް ކުޅުންތެރިން ނުލާ ބެންޗުން ކުޅުންތެރިން ލައިގެން ކުޅުނު މެޗުން ވަރަށް ހިތްހަމަޖެހޭ ކުޅުމެއް ފެނިގެންދިޔަ ކަމަށާއި، މިކަމުން ނިއުރޭޑިއެންޓްގެ ފުލް ސްކޮޑްގެ މޮޅުކަން އެނގިގެން ހިނގައްޖެކަމަށެވެ.

ދެން މިދެޓީމަށްވެސް ކުރިއަށް އޮންނާނީ މާލޭ ލީގުގައި ކުޅޭ އެންމެ ފަހު މެޗެވެ. ނިއުރޭޑިއެންޓްގެ ފަހު މެޗުގައި ނިކުންނާނީ މާޒިޔާއާދެކޮޅަށެވެ. އެމެޗަށްފަހު ނިއުއަށް ލީގުގެ އައްޑަނަ ހަވާލުކުރާނެއެވެ. ޓީސީ ނިކުންނާނީ ވިކްޓްރީއާ ދެކޮޅަށެވެ.