ޚަބަރު

ލ.ދަނބިދޫ ބަނދަރު ހެދުމުގެ މަޝްރޫޢު އަންނަ މަހު ނިމޭނެ - އެމްޓީސީސީ


ލ.ދަނބިދޫގައި ކުރިއަށްދާ ބަނދަރު ހެދުމުގެ މަޝްރޫޢު ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ، ދަނބިދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގައި މިހާރު ނުނިމި ހުރީ، ބަނދަރު ފުންކުރުމުގެ މަސައްކަތާއި، ބޭރުތޮށިލުމުގެ މަސައްކަތް ކަމަށެވެ. އެމަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހުޝާމް ވިދާޅުވިއެވެ.

ދަނބިދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ ބަނދަރު ފުޅާކޮށް ބޭރުތޮށިލުމާއި ބަނދަރު ފުންކުރުމާއި ރިވެޓްމެންޓްޖެހުމުގެ އިތުރުން ބަނދަރާއި ގުޅިފައިވާ މަގު ހެދުމާއި ލައިޓް ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.

ދަނބިދޫގައި އަލަށް ހަދާފައިވަނީ 137 ފޫޓް ދިގު އަދި 78 ފޫޓް ފުޅާ ބަނދަރެކެވެ. މިމަޝްރޫޢުގެ ދަށުން އެރަށު ބަނދަރުގައި ބޮޑުހިލަޖައިގެން 75 މީޓަރުގެ ބޭރުތޮށްޓެއްލުމަށްވެސް ހަމަޖެހިފައިވެއެވެ. އެމްޓީސީސީން ބުނީ، ބަނދަރު ސަރަޙައްދުގެ މަގުތަކުގައި ގާ ޖެހުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ.

ދަނބިދޫއަކީ އެއްހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.