ޚަބަރު

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރ 23 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފި


ރިޔާސީ އިންތިޚާބު ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ތާރީޚު އިޢުލާންކުރުމަށް ބޭއްވި ޚާއްޞަ ޙަފުލާއެއްގައި، އިންތިޚާބު އޮންނަ ތާރީޚު ރަސްމީކޮށް އިޢުލާންކޮށްދެއްވީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މަންދޫބުންނެވެ.

ޤާނޫނު ޢަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދުގައި ރިޔާސީ އިންތިޚާބު ބާއްވަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އިންތިޚާބު ބާއްވާނެކަމަށެވެ.

މި ޙަފުލާގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާނެކަމަށެވެ.

"15 ޖުލައިގައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާއެކީގައި، 10 ދުވަހުގެ މުއްދަތެއް އަޅުގަނޑުމެން އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ދޭނަން. އަދި އިންތިޚާބުގައި ކުރިމަތިލާ ފަރާތްތަކާ ބެހޭ ގޮތުން ޝަކުވާ ހުށައެޅުމަށްވެސް ޤާނޫނީގޮތުން ކަނޑައެޅިފައިވާ މުއްދަތު އަޅުގަނޑުމެންދޭނަން. ރީރަޖިސްޓްރޭޝަންގެ މުއްދަތު އަޅުގަނޑުމެން ހުޅުވާލާނަން 17 ޖުލައިގަ"

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

އިލްކްޝަންސް ކޮމިޝަނުން ބުނީ 9 އޯގަސްޓް 2018 ގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިޢުލާން ކުރާނެ ކަމަށެވެ. އަދި އަންނަ އާދީއްތަދުވަހު އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިގެންވާ މީހުންގެ ލިސްޓު ޢާންމުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.