ދީނާއި އަޅުކަން

ޗައިނާ މިސްކިތްތައް ވަރަށް ތަފާތު!


މިސްކިތެކޭ ބުނުމުން ފުރަތަމަވެސް ސިފަވަނީ ދިގު މުއްނާރަކާއި ގުއްބެކެވެ. ސަބަބަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ބިނާކޮށްފައިވާ ގިނަ މިސްކިތްތަކަކީ މުންނާރާއި ގުއްބު ހިމަނައިގެން ފަރުމާކޮށްފައިވާ މިސްކިތްތައްކަމަށްވުމެވެ. އެހެން ނަމަވެސް ޗައިނާއިން ފެންނަ ގިނަ މިސްކިތްތަކުގެ ފަރުމާ ކުރުން ވަރަށް ތަފާތެވެ.

ޗައިނާއަކީ ދިވެހިން މިހާރު އާންމުކޮށް ދަތުރުކުރާ ޤައުމެކެވެ. ޗައިނާގެ ވެރިރަށް ބެއިޖިންގއަށްވެސް ކޮންމެ އަހަރަކު އެތަކެއް ދިވެހިންނެއް ދަތުރުކުރެއެވެ. ނަމަވެސް ބެއިޖިންގއަށް ދަތުރުކުރާ ދިވެހިންނަށް އެ ސިޓީއިން މިސްކިތެއް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި މިސްކިތްތައް ފަރުމާކޮށްފައިހުންނަ ގޮތާއި ޗައިނާގައި މިސްކިތްތައް ފަރުމާކޮށްފައި ހުންނަގޮތް ތަފާތު ވުމެވެ.

ޗައިނާގެ ގިނަ މިސްކިތްތައް ބޭރުން ފެންނަ އިރު ހީވާނީ ޗައިނާގެ އިހުގެ ގަނޑުވަރެއް، ނޫނީ ގަދީމީ ކޮންމެވެސް ޢިމާރާތެއްހެެންނެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި އެންމެ ގިނަ ޢަދަދަކަށް މުސްމިލުން ދިރިއުޅެނީ ޝީޗަންގު ޑިސްޓްރިކްޓްގައެވެ. މި ހިސާބުގައި 10،0000 އެއްހާ މުސްލިމުން އުޅެއެވެ. މި ޑިސްޓްރިކްޓަކީ ޗައިނާގެ އެންމެ ތާރީޚީ މިސްކިތްތަކުގެތެރޭގައި ހިމެނޭ "ނިއުޖީ" މިސްކިތް ހުންނަ ސަރަހައްދުވެސްމެއެވެ.

ނިއުޖީ މިސްކިތަށް މިހާރު އެއްހާސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، އަދިވެސް މި މިސްކިތް ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. މި މިސްކިތުގެ ބޭރު ފަރުމާކޮށްފައިވަނީ ޗައިނާގެ ސަޤާފަތް ދައްކުވައިދޭ ގޮތަށެވެ. މިސްކިތުގެ އެތެރޭގައި ޢަރަބިން ޤުރުއާނުގެ އާޔަތްތައް ލިޔެފައި ހުރެއެވެ.

ނިއުޖީ މިސްކިތުގެ މައި ހޯލްގައި އެއްފަހަރާ އެއްހާސް މީހުންނަށް ނަމާދު ކުރެވޭނެއެވެ. މި މިސްކިތުގައި އަންހެނުންނަށްވެސް ނަމާދު ކުރުމަށް ޚާއްސަ ބައެއް ހުރެއެވެ. އަދި މި މިސްކިތުގައި އިމާމުން ތިބޭނެ ގެއަކާއި ނަމާދު ކުރުމަށް ބޭނުންކުރާ ބައެއް ތަކެތި ވިއްކާ ފިހާރައެއްވެސް ހުރެއެވެ.

ނިއުޖީ މިސްކިތަކީ ފަތުރުވެރިން ގިނަ ޢަދަދަކަށް ޒިޔާރަތްކުރާ ތަނަކަށްވާއިރު، މުސްލިމު ނޫން މީހުން މި މިސްކިތުގެ ގޯތިތެރެއަށް ވަންނައިރު ވަކި ގޮތަކަށް ހެދުން އަޅަންޖެހެއެވެ. އަދި ވަކި ފީއެއްވެސް ދައްކަންޖެހެއެވެ.

ނިއުޖީ މިސްކިތް ހުންނަ ސަރަޙައްދަކީވެސް ބެއިޖިންގެ އެހެން ހިސާބުތަކާއި ތަފާތު ހިސާބެކެވެ. ޗައިނާގެ އެހެން ސަރަހައްދުތަކާ ޚިލާފަށް މި ސަރަހައްދުގެ މަގުމަތިން ގިނަ ޢަދަދަކަށް ބުރުގާ އަޅައިގެން ތިބޭ މީހުން ފެނެއެވެ. އަދި "ހަލާލު" ކާ އެއްޗެހި ލިބޭ ރެސްޓޯރެންޓުތަކާއި މުސްލިމް ޝޮޕިން ސެންޓަރުތައްވެސް މަގުގެ ދެފަރާތުގައި ހުރެއެވެ. އަދި ބައެއް ތަންތަނުގެ ނަން ޢަރަބިބަހުންވެސް ލިޔެފައި ހުރެއެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމު ޗައިނާ، އަކީ އެ ޤައުމުގެ އާބާދީގެ ނިސްބަތުން ބަލާއިރު މުސްލިމުން އެހާ ގިނަ ޤައުމެއް ނޫނެވެ. އެހެންނަމަވެސް ތަފާސްހިސާބުތައް ދައްކާގޮތުން ޗައިނާގައި ވިހި މިލިއަނެއްހާ މުސްލިމުން ދިރިއުޅެއެވެ.