ޚަބަރު

"އެއްލަކިން މަށަށް ލައިސަންސް"- އެންމެ ފަހުރޭގެ ޢަމަލީ އިމްތިހާނުގައި ބައިވެރިނުވެވުނު ފަރާތްތަކުގެ އިމްތިހާން އަންނަ ހަފްތާގައި


ޒުވާނުންނަށް ޚާއްޞަކޮށްގެން އެއްދުވަހުން ލައިސަންސް ނެގޭގޮތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް، "އެއްލަކިން މަށަށް ލައިސަންސް"ގެ އެންމެ ފަހުރޭގެ ޢަމަލީ އިމްތިހާނުގައި ބައިވެރިނުވެވުނު ފަރާތްތަކުގެ އިމްތިޙާން އަންނަ އަންގާރާ ދުވަހާއި ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

"އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގެ އެންމެ ފަހުރޭގެ ޢަމަލީ އިމްތިހާން ފަސްކޮށްފައިވަނީ މޫސުން ގޯސްވުމާ ގުޅިގެންނެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަހު ބާއްވާ ޢަމަލީ އިމްތިހާނުގައި ބައިވެރިވެވޭނީ، މޭ މަހުގެ އެއްތިރީސް ވަނަ ދުވަހު ޢަމަލީ އިމްތިހާން ހެދުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި އިމްތިހާންތައް ކުރިއަށްދާނީ ރޭގަނޑު ނުވައެއް ޖަހާއިރު، ކާނިވާ ސަރަހައްދުގައެވެ. ޓްރާންސް ޕޯޓް އޮތޯރިޓީން ބުނީ މި މުއްދަތުގައި ޢަމަލީ އިމްތިހާނުގައި ބައިވެރިނުވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ނުދެވޭނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދިޔަ "އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގައި އަށްހާހަށްވުރެ ގިނަ ފަރާތުން ޓޯކަން ނެގިކަމަށް އެ އިދާރާއިން ބުނެއެވެ.

މި ޕްރޮގްރާމަކީ 4 ދުވަހަށް ކުރިއަށްގެންދިއުމަށް ފެށި ޕްރޮގްރާމެއް ނަމަވެސް، ލިބުނު ތަރުހީބަށް ބަލައި ގިނަބައެއްގެ އެދުމުގެ މަތިން މި ޕްރޮގްރާމް އެއް ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވެއެވެ.

"އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމް ހުޅުމާލޭގައިވެސް ވަރަށް އަވަހަށް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ފުޅާކޮށް ކުރިއަށްއޮތްތަނުގައި އެކި އަތޮޅު ތަކުގައިވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.