ޚަބަރު

މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ ޢީދަށްފަހު

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޗުއްޓީ، އިތުރު ދެ ހަފްތާއަށް އިތުރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ހުސައިން މަނިކު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ޗުއްޓީއަށް ދިއުމުގެ އުޞޫލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު، ދެވަނަ ދައުރުގެ ޖަލްސާތައް ފެށުން ލަސްކޮށްފައިވާ ކަމަށެވެ. ނިހާން ވިދާޅުވީ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ޢީދަށް ފަހު ކަމަށެވެ.

"އަޅުގަނޑުމެން މަޖިލީހުގެ ޗުއްޓީގެ ޢުޞޫލަށް އެއްވެސް ބަދަލެއް ގެނައީއެއް ނޫން. އެކަން އެގޮތަށް ކުރީ މިހާރު މިއޮތީ ފަހު ދިހައެއް އައިސްފައި. ފަހު ދިހައެއް ނިމުމާއި އެކު މި އަންނަނީ ޢީދުގެ ދުވަސްތައް. އެހެންވީމަ މި ދުވަސްތައް ނިމުނީމަ އަޅުގަނޑުމެން މަޖިލީހުގެ ޖަލްސާތައް ފަށާނީ. އެއްވެސް ގޮތަކަށް މަޖިލީހުގެ ޗުއްޓީ ޢުޞޫލަށް ބަދަލެއް ގެނައީއެއް ނޫން،" ނިހާން ވިދާޅުވިއެވެ.

މަޖިލިސް ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށަން ޖެހޭނެ ކަމަށް ބުނެފައިވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ނަމަ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޯމަ ދުވަހު ފަށަންޖެހޭނެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލީ މިދިޔަ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. ފުރަތަމަ ދައުރުގައި ބާއްވާފައި ވަނީ 13 ޖަލްސާއެވެ. އޭގެތެރެއިން ދެ ޖަލްސާއަކީ ދައުރުން ބޭރުގައި ބޭއްވި ޖަލްސާތަކެވެ.