ކުޅިވަރު

400 މީޓަރު ދުވުމުގެ ޤައުމީ ރެކޯޑް "ހިމްނާ" މުގުރާލައިފި


އައްޑޫސިޓީއަށް ނިސްބަތްވާ ޒުވާން ދުވުންތެރިޔާ އާއިޝަތު ހިމްނާ ޙަސަން 400 މީޓަރ ދުވުމުގެ ޤައުމީ ރިކޯޑު މުގުރާލައިފިއެވެ.

މިރިކޯޑު 16 އަހަރުގެ ހިމްނާ މުގުރާލާފައިވަނީ މި މަހުގެ 7 ން 10 އަށް ޖަޕާނުގެ ގިފޫގައި ކުރިއަށްގެންދާ 18 ވަނަ އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 400 މީޓަރ ދުވުމުގައި ވާދަކޮށްގެންނެވެ. ހިމްނާ މި ރިކޯޑް މުގުރާލާފައިވަނީ 59.76 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ހިމްނާއަކީ ފާއިތުވި އަހަރުތަކުގައި ބޭއްވި އިންޓަރ ސްކޫލް މުބާރާތުގައި އެންމެ މޮޅު އަންހެން އެތްލީޓްގެ މަޤާމު ހޯދާފައިވާ ދުވުންތެރިއެކެވެ. އެގޮތުން ހިމްނާ ވަނީ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވެ ރަން މެޑަލް ހާސިލްކޮށްފައެވެ. އަދި މީގެ އިތުރުން އެއުމުރުފުރާއިން އެންމެ މޮޅު އަންހެން އެތްލީޓްގެ މަޤާމާއި، މުޅި މުބާރާތުން އެއްވަނަ އަންހެން އެތްލީޓްގެ މަޤާމްވެސް ހޯދާފައެވެ. މީގެ އިތުރުން ހިމްނާ ވަނީ ސްރީލަންކާގެ ކޮލޮމްބޯގައި އޮތް ސައުތް އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 200 މީޓަރު އަދި 400 މީޓަރު ދުވުމުގައި ވާދަކޮށްފައެވެ. ހިމްނާގެ ފުރަތަމަ އިވެންޓް 200 މީޓަރު ދުވުމުގެ ހީޓުން އޭނާ ވަނީ ތިން ވަނަ ހޯދާފައެވެ. 400 މީޓަރ ދުވުމުގެ ފައިނަލްގައި ވާދަކޮށް އޭނާ ވަނީ އަމިއްލަ ރެކޯޑްވެސް އާކޮށްފައެވެ.

އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ހިމްނާއާއިއެކު ދެން ބައިވެރިވަނީ ރާއްޖޭގެ 400 މީޓަރ ދުވުމުގެ ޖޫނިއަރ ރެކޯޑް ތިން ފަހަރެއްގެ މަތިން އާކޮށްފައިވާ މުހައްމަދު ނާއިލްއެވެ. ނާއިލް އަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސްކޮލްރޝިޕްގެ ދަށުން ބޮސްޓްވާނާގައި ތަމްރީން ހަދަމުންދާ 4 އެތުލީޓުންގެ ތެރެއިން އެތުލީޓެކެވެ. މި ދެ ދުވުންތެރިންނަށް އިރުޝާދުދެނީ ހުސައިން ހަލީމެވެ.

އައްޑޫ ހައިސްކޫލްގެ ގްރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރު އާއިޝަތު ހިމްނާ ޙަސަންއަކީ މި ފުރުސަތު ލިބުނު ފުރަތަމަ އައްޑޫ އަންހެން އެތްލީޓެވެ. ޖަޕާނުގެ ގިފޫގައި ކުރިއަށްގެންދާ އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ހިމްނާ އަދި ނާއިލް ވާދަކުރަނީ 400 އަދި 200 މީޓަރު ދުވުމުގައެވެ.