ޚަބަރު

ކުޅިވަރުގެ އެހީގެ ގޮތުގައި ކްލަބް ޖަމްޢިއްޔާތަކަށް 273 މިލިއަން ރުފިޔާ


ކުޅިވަރުގެ އެހީގެ ގޮތުގައި ކްލަބް ޖަމްޢިއްޔާތަކާއި، ޤައުމީ އެސޯސިއޭޝަންތަކަށް ފާއިތުވި ހަތަރު އަހަރުދުވަހުގެ ތެރޭގައި 273 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީގެ ފާއިތުވީ 4 އަހަރު ދުވަހުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ކުޅިވަރުގައި ޙަރަކާތްތެރިވާ ކްލަބް ޖަމްޢިއްޔާތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ވަޢުދުގެ ދަށުން، މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކްލަބް ޖަމްޢިއްޔާތަކަށް 273 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މިއީ ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ޕްރޮގްރާމްތައް ހިންގުމަށާއި، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމަށް ދީފައިވާ އެހީއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިސަރުކާރު އައުމުގެ ކުރިން ކްލަބް ޖަމްޢިއްޔާތަކަށާއި، ޤައުމީ އެސޯސިއޭޝަންތްކަށް އެވްރެޖްކޮށް އަހަރަކު ދޫކޮށްފައިވަނީ ގާތްގަނޑަކަށް 27 މިލިއަން ރުފިޔާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

''ރައީސް ޔާމީންގެ ޒަޢާމަތުގައި ގާތްގަނޑަކަށް އަހަރަކު އެއްވްރެޖްކޮށް 60 މިލިއަން ރުފިޔާ ދޫކުރެވިފައިވޭ. މިސަރުކާރު އައުމުގެ ކުރިން ކްލަބް ޖަމްޢިޢްޔަތަކަށާއި، ޤައުމީ އެސޯސިއޭޝަންތަކަށް އެވްރެޖްކޮށް އަހަރަކު ދޫކުރެވިފައިވަނީ ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ. އެހެންކަމުން މިސަރުކާރު އައި ފަހުން ކްލަބް ޖަމްޢިއްޔާތަކަށާއި، ޤައުމީ އެސޯސިއޭޝަންތަކަށް ދޫކުރާ މާލީއެހީގެ މިންވަރު 122 އިންސައްތައިގެ ކުރިއެރުމެއް މިވަނީ ގެނެވިފައި''

މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ ކުޅިވަރުގައި ޙަރަކާތްތެރިވާ ކްލަބް ޖަމްޢިއްޔާތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ވެފައިވާ ވަޢުދު ކާމިޔާބުކުރެވިފައިވާ ކަމުގެ އަލިގަދަ ހެއްކެތް ކަމަށެވެ.