ޚަބަރު

ޑިފެންސް މިނިސްޓަރު ކުރީގެ ރައީސް މައުމޫނާ ބައްދަލުކުރައްވައިފި


ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މަޢުމޫނު ޢަބްދުލްޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ބައްދަލުކުރައްވައިފިއެވެ.

ރައީސް ޢަބްދުﷲ ޔާމިންގެ މަންދޫބެއްގެ ޙައިސިއްޔަތުން އިއްޔެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޖަލަށް ވަޑައިގެން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވަނީ އެ ދެބޭފުޅުންނާ ބައްދަލުކުރައްވާ ދެ ބޭފުޅުންގެ ސިއްޙީ ހާލުކޮޅު ހުރިގޮތް ބައްލަވާލައްވާފައެވެ. ޑިފެންސް މިނިސްޓަރު މި ދެ ބޭފުޅުންނާއި ބައްދަލުކުރެއްވިއިރު، ރައީސްގެ މަންދޫބެއްގެ ޙައިސިއްޔަތުން މިދިޔަ ފެބްރުއަރީ މަހު ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ޖަލަށް ވަޑައިގެން ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދާ ބައްދަލުކުރައްވާފައެވެ.

ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ރައީސް މައުމޫނާއި ދެ ފަނޑިޔާރުން ހައްޔަރުކޮށްފައިވާއިރު، މި ބޭފުޅުންގެ މައްޗަށް ދައުލަތުން ވަނީ ގިނަ ދަޢުވާތަކެއް އުފުލާފައެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ ދަޢުވާވެސް ހިމެނެއެވެ. އަދި މި ދަޢުވާތަކުގެ ޝަރީއަތް ކޯޓުތަކުގައި މިހާރު ދަނީ ހިނގަމުންނެވެ.