ޚަބަރު

ޙައްޖު ކޯޕަރޭޝަނުން، އެޗްޑީއެފްސީގައި އިތުރު 30މިލިއަން އިންވެސްޓްކުރަނީ


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހައުސިންގ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގައި އިތުރު 30 މިލިއަން ރުފިޔާ އިންވެސްޓްކުރަން ނިންމައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ މިފައިސާ އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ، އެޗްޑީއެފްސީގެ އިސްލާމީ ޝަރީޢާ ޙުއްދަކުރާ ޕްރޮޓަކްޓް ތަކުގައި ކަމަށެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންވަނީ ކުރިއަށް އޮތް ފަސް އަހަރުދުވަހަށް 30 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ހައުސިންގ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިއެއްބަސްވުމުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިދުރީސް އިސްމާޢީލެވެ. އެޗްޑީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ޢާއިޝަތު ރަޝީދާއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ، އެޗްޑީއެފްސީއާއެކުވީ ''ވަކާލާ'' އެއްބަސްވުމުގެ ދަށުން، އިންވެސްޓްކޮށްގެން ލިބޭ މަންފާއިން، މިހާރު ޙައްޖަށްދާން ނަގާ އަގު ބޮޑުނުކޮށް އެއްވަރެއްގައި ހިފެހެއްޓޭނެކަމަށެވެ. އަދި އެކުންފުނީގެ އަމާޒަކީ މިފަދަ އިންވެސްޓްމަންޓްތަކުން ލިބޭ ނަފާއިން ކުރިއަށް އޮތް ތަނުގައި ޙައްޖުގެ އަގު ހެޔޮކުރުން ކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ޙައްޖު ކޯޕަރޭޝަނުން އަންނަނީ 2015 ވަނަ އަހަރުން ފެށިގެން އެޗްޑީއެފްސީގައި އިންވެސްޓްކުރަމުންނެވެ. އެކޯޕަރޭޝަނަކީ، ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ޙައްޖާ ޢުމްރާގެ އަޅުކަން އަދާކުރުމުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ، އެކޯޕަރޭޝަން މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރު ހައްޖަށް ދިއުމަށް މިހާރު ޖާގަ ފުލްވެފައިވާ ކަމަށެވެ.