ޚަބަރު

ޓެކުހާއި ޖޫރިމަނާ ފައިސާގެ ގޮތުގައި 20.5 މިލިއަން ޑޮލަރު ދައްކަން މީރާއިން ޖީއެމްއާރަށް އަންގައިފި


ޓެކުހާއި ޖޫރިމަނާ ފައިސާގެ ގޮތުގައި 20.5 މިލިއަން ޑޮލަރު ދައްކަން މޯލްޑިވްސް އިލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އިންޑިއާގެ ޖީއެމްއާރަށް އަންގައިފިއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ޖީއެމްއާރުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ ތެރޭގައި، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް، (ބީޕީޓީ)ގެ ގޮތުގައި 14.4 މިލިއަން ޑޮލަރާއި ވިތްހޯލްޑިންގް ޓެކުހުގެ ގޮތުގައި 2.8 މިލިއަން ޑޮލަރު ދައްކަން މީރާއިން ޖީއެމް އާރަށް އަންގާފައިވާކަމަށެވެ. އަދި ޖޫރިމަނާ ފައިސާގެ ގޮތުގައި 3.3 މިލިއަން ޑޮލަރު ދެއްކުމަށްވެސް މީރާއިން ޖީއެމްއާރަށް އަންގާފައިވާކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

މީރާއިން ޖީއެމްއާރަށް ޓެކުހާއި ޖޫރިމަނާގެ ގޮތުގައި 20.5 މިލިއަން ޑޮލަރު ދައްކަން އަންގާފައިވަނީ ޓެކްސް އޮޑިޓް ރިޕޯޓްތަކާއި ހަވާލާދީކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަމާ ބެހޭގޮތުން މީރާއިން ރަސްމީކޮށް އަދި އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހިންގުމަށް އިންޑިއާގެ ޖީއެމްއާރަށް 25 އަހަރު ދުވަހުގެ މުއްދަތަކަށް ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ކުއްޔަށް ދިނީ 2010 ވަނަ އަހަރުގެ ޖޫންމަހުގެ 28 ވަނަ ދުވަހުއެވެ. މި އެއްބަސްވުމަކީ ބޮޑެތި ޤާނޫނީ މައްސަލަތަކެއް ހުރި، ޞައްޙަ ނޫން، އަދި އިތުރަށް ކުރިއަށް ގެންދެވެންނެތް އެއްބަސްވުމަކަށް ވުމާއި، މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި، ޤައުމުގެ އިޤްތިޞާދަށް ފޫނުބެދޭވަރުގެ ގެއްލުންތަކެއް ވަމުންދިއުމުން ސަރުކާރުން ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކުރީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.