ޚަބަރު

މިއަހަރުގެ ކުންމިން ފެއަރގައި ދިވެހި 4 ފަރާތެއް ބައިވެރިވާނެ


ޗައިނާގައި ބާއްވާ "ސައުތު އޭޝިއާ އެކްސްޕޯ" ކުންމިން ފެއާރ ގައި ރާއްޖޭގެ ފަރާތުން 4 ފަރާތެއް ބައިވެރިވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ވަނީ މި ފެއަރގައި ބައިވެރިވާން ބޭނުންވާ ދިވެހި އުފެއްދުންތެރިންނަށް އެ ފުރުޞަތު ހުޅުވާލާފައެވެ.

ކުންމިން ފެއަރއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ އުފެއްދުންތެރިކަމުގެ ދާއިރާ ފުޅާކުރުމާއި، އެއްތަނަކުން އެކި ޤައުމުތަކުގެ އުފެއްދުންތައް ވިއްކުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ފެއާރއެކެވެ.

މި ފެއަރއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ، ކުންމިން ފެއަރގައި މިފަހަރު ރާއްޖޭގެ ފަރާތުން 4 ފަރާތެއް ބައިވެރިވާކަމަށެވެ. އޭގެތެރޭގައި 3 ފަރާތަކީ ދިވެހި އުފެއްދުންތެރިންކަމަށާއި، އަދި ލޯކަލް ޓޫރިޒަމް އިސްތިހާރުކުރުމަށް 1 ފަރާތަކުން ބައިވެރިވާކަމަށް ތައުފީޤް ވިދާޅުވިއެވެ.

މިފަހަރުގެ ކުންމިން ފެއަރގައި ބައިވެރިވާ ދިވެހި ވަފުދުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާނީވެސް ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤްއެވެ. އޭނާ ވިދާޅުވީ ފެއަރގެ އިންތިޒާމްތައް ބާރުސްޕީޑްގައި ކުރިއަށްދާއިރު، ފެއަރގައި ބަހައްޓާ ދިވެހި ސްޓޯލްގެ ތައްޔާރުކުރުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވަކަމަށާއި، އަދި މިހާރު ކުރިއަށްދަނީ ފެއަރގައި ބައިވެރިކުރާ ދިވެހި އުފެއްދުންތައް ޗައިނާއަށް ފޮނުވުމުގެ މަސައްކަތްކަމަށެވެ.

މިއީ ކުންމިން ފެއަރގައި ރާއްޖެއިން ބައިވެރިވާ 3 ވަނަ އަހަރެވެ. މިއަހަރުގެ ކުންމިން ފެއަރ އޮންނާނީ މިމަހުގެ 14 އިން 20 އަށް ޗައިނާގެ ކުންމިންގައެވެ. މި ފެއަރގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކަށް ސްޓޯލްތައް ދޫކުރަނީ މުޅިން ހިލޭކަމަށާއި ކޮންމެ ފަރަތަކަށްވެސް ނުވަ ފޫޓް ނުވަ ފޫޓްގެ ސްޓޯލްއެއް ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި ފެއަރގެ ސަބަބުން ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.