ޚަބަރު

ޝަންގްރީލާ ޑަޔަލޮގަށް ވަމުންދާ ތައްޔާރީތައް


އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރާނީ އެ ޤައުމުގެ ނިއުކްލިޔަރ ޕްރޮގްރާމް ނިންމާލުމަށް، ހަރުދަނާ، ދާއިމީ ފިޔަވަޅުތަކެއް އަޅައިގެންކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ޖިމް މަޓިސް ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގައި ދެކުނު ކޮރެއާ އާއި ޖަޕާނުގެ ޚާރިޖީ ވަޒީރުން ބޭއްވި ބައްދަލުވުމުގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ދިފާއީ ވަޒީރު މަޓިސް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންއާ ދެމެދު ޖޫންމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ދާން އޮތް މަގު ވަރަށް އުނދަގޫވާނެކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް އުތުރު ކޮރެއާއިން ނިންމިނަމަވެސް އެ ޤައުމުގެ ނިއުކްލިޔަރ މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން ތަންފިޒުކުރަމުން ގެންދާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އަދި މި ފިޔަވަޅުތައް ލުއިކުރާނީ އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އުތުރު ކޮރެއާއިން އެކަށިގެންވާ ފިޔަވަޅުތައް އެޅުމުން ކަމަށްވެސް އެމެރިކާގެ ދިފާޢީ ވަޒީރު ވިދާޅުވިއެވެ. ސިންގަޕޫރުގައި ހުންނަވާ ވާހަކަދައްކަވަމުން ޖަޕާނުގެ ދިފާޢީ ވަޒީރު އިޓްސުނޯރީ އޮނޮޑޭރާ ވިދާޅުވީ، އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައަށް ހޯދަން ޖެހޭނީ ސިޔާސީ ހައްލެއްކަމުގައިވާ ނަމަވެސް މިކަމުގައި ދަތިކުރުމުގެ ފިޔަވަޅުތައްވެސް މުހިއްމު ކަމަށެވެ.