ކުޅިވަރު

ޓީސީ އަތުން ޕޮއިންޓެއް ލިބުނަސް ޔޫވީއަށް ފުރުޞަތު ބަންދު!

ޓީސީ އަތުން ބަލިނުވެ ސަލާމަތްވިޔަސް ގަދަ ހައެއްގެ ފުރުޞަތު ޔުނައިޓެޑް ވިކްޓްރީއަށް މުޅިންހެން ބަންދުވެއްޖެއެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ރޭ 1-1 ން ޓީސީއާ އެއްވަރުވި ނަމަވެސް ޔުނައިޓެޑް ވިކްޓްރީއަށް ދިވެހި ޕްރިމިއަރ ލީގުގެ ފުރުޞަތު ބަންދުވަނީ އެމީހުން ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކުރި ނަމަވެސް މިވަގުތު ހަވަނާގައި އޮތް ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރި ހޯދެން ނެތުމުންނެވެ. ގްރީންގެ މައްޗަށް ކުރި ހޯދެން އޮތް ހަމައެކަނި ގޮތަކީ ގްރީން ދެމެޗުން ބަލިވެ، ޔޫވީ ކުރިއަށް އޮތް ދެމެޗުން ބޮޑު ތަފާތަކުން މޮޅުވުމެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޔުނައިޓެޑް ވިކްޓްރީންނެވެ.
އެޓީމްގެ ލަނޑު ޖެހީ މެޗުގައި މޮޅަށް ކުޅުނު ބިދޭސީ ފޯވާޑް ސެމިއުލްއެވެ. އޭގެކުރިން ޓީސީން ޔޫވީގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ. އަދި ސެމިއުލްއަށްވެސް ލީޑް ފުޅާކުރަން ފުރުޞަތު ލިބުނެވެ.
59 ވަނަ މިނިޓްގައި ޓީސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ހަސަން ސޮލާހްއެވެ. މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ޓީސީއަށެވެ. ޔޫވީގެ ކީޕަރ ތޮލާލް ކައިރިން ނައްޓާލުމަށްފަހު ޓީސީގެ އާރިފް ފޮނުވާލީ ބޯޅަ ގޯލުގެ ރޮނގު މަތިން ކަހަލަގޮތަކަށް ސަލާމަތްކޮށްދިނީ ޔޫވީގެ އަބްދުލް ވާހިދު (ވާޑު)އެވެ.

މި ނަތީޖާއާއެކު ޓީސީ މިހާތަނަށް ކުޅުނު 12 މެޗުން ލިބުނު 19 ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލްގެ ތިންވަނަ މަޤާމުގައެވެ. ޓީސީއަށް ލީގުގެ ތިންވަނަ މަޤާމް ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ރޭގެ މެޗުން މޮޅުވެ ދެވަނަ މަޤާމަށް ޖެހިލުމުގެ ފުރުސަތު ޓީސީއަށް އޮތެވެ. ލީގުގެ ގަދަ ހަޔަކަށް ވަނުމުގެ ފުރުސަތު ހަނިވި ޔުނައިޓެޑް ވިކްޓްރީ އޮތީ 8 ޕޮއިންޓާއެކު ހަތް ވަނައިގައެވެ. ލީގުގައި ދެން އެންމެ އަވަހަށް ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއެވެ. ޓީސީ ނިކުންނާނީ ލީގުގެ އެއްވަނައިގައި އޮތް ނިއުރޭޑިއަންޓާއި ދެކޮޅަށެވެ. ލީގުގައި މިރޭ ވާދަކުރާނީ ނިއުރޭޑިއަންޓާއި ކްލަބް ވެލެންސިޔާއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ ވިސްނީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތުދޭން ކަމަށާއި، މެޗުގެ ނަތީޖާ ގޯސް ނޫން ކަމަށެވެ. މި މެޗަކީ ޔޫވީއަށް މޮޅުވާން މަޖުބޫރު މެޗެއް ކަމަށެވެ. އެހެންކަމުން މިފަދަ ޕްރެޝަރ ބޮޑު މެޗެއްގައި ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދެވުމަކީ އެކުޅުންތެރިންނަށް ލިބުނު ތަޖުރިބާއެއް ކަމަށް ނިޒާމްބެ ބުންޏެވެ.

"ދެން މެޗުގެ ނަތީޖާ އާއި މެދު ހިތްހަމަ ޖެހޭ. ދެން އަނެއްކޮޅުން ބަލާއިރު މި މެޗަކީ ޔުނައިޓެޑް ވިކްޓްރީއަށް މޮޅުވާން މަޖުބޫރު މެޗެއް. އެމީހުންނަށް ޕްރެޝަރު އޮތް މެޗެއްގައި އަޅުގަނޑުމެންގެ މި ނެރުނީ ޒުވާން ޓީމެއް. އަސްލު ބޭނުންވީ މިކަހަލަ މެޗެއްގައި އެ ކުޅުންތެރިންނަށް ފުރުސަތު ދޭން." ޓީސީގެ ކޯޗު ނިޒާމް ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުޙައްމަދު ނަޒީހު ބުނީ ގޯލުގެ ތަފާތުން އެހާ ފަހަތުގައި އޮތުމުގެ ސަބަބުން ޑަޒަނަކަށްވުރެ ގިނަ ގޯލު ޖަހައިގެން ނޫނީ މިކަން ދެންނުވާނެކަމަށެވެ. އެހެންކަމުން ގަދަ ހަޔަކަން ވަނުމުގެ ފުރުސަތު ގެއްލިއްޖެ ކަމަށް ޤަބޫލުކުރާކަމަށާއި، ނަމަވެސް އެންމެ ފަހު ވަގުތާހަމަޔަށްވެސް މަސައްކަތްކުރުމުގައި ދެމިތިބޭނެކަމަށެވެ.

" ދެން އަނެއްހެން ބަލާއިރު އަމިއްލަ ބާރު ގެއްލިފައި މި އޮތީ ގަދަ ހަޔަކަށް ވަނުމަށް. ކުރިޔަށް އޮތް ދެ މެޗު ބޮޑު ތަފާތަކުން އަދި ކާމިޔާބުކުރިޔަސް ސަލާމަތްވާކަށް ނެތް. އެއީ ގްރީން ސްޓްރީޓްސްވެސް މި ޖެހެނީ ސީދާ ކުރިޔަށް އޮތް ދެ މެޗުން ބަލިވާން. އެނޫން ގޮތަކަށް ނޫނީ ނެތް ފުރުސަތެއް. ދެން އެންމެ ފަހު ވަގުތާ ހަމަޔަށްވެސް މަސައްކަތް ކުރާނެ މި ޓީމު " ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ލީގުގައި މިހާތަނަށް ޔޫވީ ކުޅުނު ހުރިހާ މެޗެއްވެސް ބެލިއްޖެ ކަމަށާއި، ކޮންމެ މެޗެއްގައިވެސް ދިމާވަނީ އެންމެ މައްސަލައެއް ކަމަށެވެ. އެއީ ޕާސް ދޭން ޖެހޭ ތަން ނޫން އެހެން ދިމަދިމާލަށް ޕާސް ދިނުންކަމަށެވެ.