ޚަބަރު

އެސް.ޑީ.އެފް.ގެ ބާރުގެ ދަށުގައިވާ ބިންތައް މިނިވަންކުރާނަން- އަސަދު


އެމެރިކާގެ އެއްބާރުލުން ލިބިގެން ސޫރިޔާގައި ހަރަކާތްތެރިވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސްގެ އަތްދަށުގައި ހުރި ސޫރިޔާގެ ބިންތައް މިނިވަން ކުރައްވާނެކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެއެވެ.

ރަޝިޔާ ޓުޑޭއަށް ދެއްވި ބަސްދީގަތުމެއްގައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވީ، ސޫރިޔާގެ އިރުމަތީ އަދި އުތުރުގެ ބައެއް ސަރަހައްދުތައް ކޮންޓްރޯލްކުރަމުންދާ އެސް.ޑީ.އެފާ އެކު މަޝްވަރާ ކުރުމުގެ މަސައްކަތްތައް ސޫރިޔާގެ ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ. މި ކަމުގައި މަޝްވަރާތައް ކުރުމަކީ އެންމެ ފުރަތަމަ ގޮތް ކަމަށާއި، އެ ގޮތުން ނަތީޖާއެއް ނުނެރެވިއްޖެނަމަ ދެން އޮންނާނީ ގަދަ ބާރުން މި ބިންތައް ހޯދުން ކަމަށްވެސް ސޫރިޔާގެ ރައީސް ވިދާޅުވިއެވެ.

ސޫރިޔާގެ ރައީސް އިތުރަށް ވިދާޅުވީ، ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ ފައުޖުތައްވެސް ދާދި އަވަހަށް ސޫރިޔާއިން ފައިބަން ޖެހޭނެކަމަށެވެ. އަދި އިރާޤުގައި ކަން ހިނގި ގޮތް އެމެރިކާއިން ހަނދާން ނުނެތޭނެ ކަމަށާއި އެކަމުން ފިލާވަޅު ލިބިގެން ސޫރިޔާއިންވެސް އަވަހަށް ފައިބަން ޖެހޭކަމަށެވެ.