ޚަބަރު

މިދިޔަ އަހަރަކީ އެސްޓީއޯއަށް ކާމިޔާބު އަހަރެއް، ސާފު ފައިދާ 211 މިލިއަން


މިދިޔަ އަހަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ވިޔަފާރިއާއި އިންވެސްޓްމަންޓް ވަރަށް ބޮޑަށް ކުރިއަރާ، ވިޔަފާރި ވަރަށް ރަނގަޅު އަހަރެކެވެ. ރޭ ދަރުބާރުގޭގައި ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ފާއިތުވި 2017 ވަނަ އަހަރު އެސްޓީއޯއިން ކުރި ވިޔަފާރިތަކުގެ ތަފްސީލްވަނީ ހިއްސާކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު އެސްޓީއޯއިން ކުރި ވިޔަފާރިއަށް 1.1 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

އަހަރީ އާއްމު ޖަލްސާގައި ކުންފުނީގެ ވިޔަފާރީގެ ތަފްސީލް ހިއްސާކުރައްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ 2016 އަހަރާއަޅާބަލާއިރު ކުންފުނީގެ ވިޔަފާރިއަށް 1.1 ބިލިއަން ރުފިޔާގެ ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ޖުމުލަ 7.5 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށް، ކުންފުނީގެ ސާފު ފައިދާ 211 މިލިއަނަށް އާރާފައިވާކަން އޭނާ ފަހަގަކުރެއްވިއެވެ.

"ކުންފުނީގެ ހިސާބުތަކަށް ބަލާލާއިރު 2017ގައި ވަނީ 7.5 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފަ. އެއީ 2016ވަނަ އަހަރު އެސްޓީއޯއިން ކޮށްފައިވާ ވިޔަފާރިއަށްވުރެ 1.1 ބިލިއަން ރުފިޔާގެ ކުރިއެރުވުމެއް. 1.1 ބިލިއަން ރުފިޔާގެ ކުރިއެރުން ލިބިފައިވަނީ ދުނިޔޭގެ ތެލުގެ އަގު ބޮޑުވުމާގުޅިގެން އެސްޓީއޯއިންވެސް ތެޔޮ ވިއްކި އަގު ކޮންމެސް ވަރަކަށް ބޮޑުކޮށްފައިވުމާ ގުޅިގެން ފައިދާވި އަދަދު އިތުރުވުމާއެކު އަދި ކުންފުނިން ވިއްކި ތެލުގެ ކޮންޓިޓީ އިތުރުވުމާ، އެހެނިހެން ސެގްމެންޓްތަކުންވެސް 168 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވާތީ." ޝަހީރު ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރަކީ އެސްޓީއޯގެ ވިޔަފާރި ފުޅާކުރުމަށް އެންމެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރި އެއް އަހަރެވެ. އެގޮތުން އެކުންފުނީގެ އެންމެ ބޮޑު އެއް ދާއިރާކަމަށްވާ ކޮންސްޓްރަކްޝަން ދާއިރާ ފުޅާކުރުމަށް ބެޗިންގ ޕްލާންޓް ނުވަތަ ސިމެންތި އުފައްދާ ޕްލާންޓްތައް ޤާއިމްކުރުމާއި، މުދާ އުފުލުމަށް އިތުރު ލޭންޑިންގ ކްރާފްޓްތައް ގެނައުމާއި، އަދި އެއްފުރާޅެއްގެ ދަށުން އެސްޓީއޯއިން ވިއްކާ މުދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިންޑަސްޓްރިއަލް ވިލެޖުގައި ގުދަން އެޅުމުގެ މަސައްކަތް ފާހަގަކުރެވެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ، ތެޔޮ ރައްކާކުރާ ކެޕޭސިޓީވެސް ވޭތުވެދިޔަ އަހަރު ވަނީ އިތުރުކޮށްފައެވެ.

މީގެ އިތުރުން ޝަހީރުވަނީ ކުންފުނީގެ ހިންގުމުގެ ޚަރަދު 2016އާ އެއްހަމައެއްގައި ހިފެހެއްޓިފައިހުރިކަން ފާހަގަކުރައްވާފައެވެ. އަދި ކުންފުނި ހިންގުމަށް ގެނެވުނު ބަދަލުތަކާ، ޓެކްނޮލޮޖީ ތަޢާރަފްކުރުމުގެ ސަބަބުން މުދާ ވިއްކާ އަގާ ޚިދުމަތްތައް ފޯރުކޮށްދޭ އަގު ދަށްކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 7.5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު ކުންފުނި ހިންގުމުގެ ފައިދާގެ ގޮތުގައި 287 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 211 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 55 ރުފިޔާ ބަހަން ރޭގެ ޖަލްސާގައި ފާސްކުރިއެވެ. މިގޮތަށް ފާސްކުރީ ރޭގެ ޖަލްސާ އަށް ހާޒިރުވި 118 ހިއްސާދާރުންގެ ތެރެއިން 926،070 ހިއްސާގެ ވޯޓުންނެވެ.

އަދި އަހަރީ އާއްމު ޖަލްސާގައި، އެސްޓީއޯގެ ހިންގާ ޤަވާއިދަށް ގެންނަން ހުށަހެޅި އިސްލާހުތައް ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި، އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެ ކުންފުނީގެ ސީއީއޯގެ މަޤާމުވެސް ލިބޭ ގޮތަށް، ކުންފުނީގެ ހިންގާ ޤަވާއިދަށް ގެނައި ބަދަލު ހިމެނެއެވެ. މީގެ އިތުރުން އަންނަ އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ގދ. ގައްދޫ، ބިލެއްމާގެ އާއިޝަތު ފަޒީނާ ވަނީ އިންތިޚާބުކޮށްފައެވެ.