ޚަބަރު

އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބޭއްވީ ޤާނޫނާއި ޚިލާފަށް، އެޕާޓީއާމެދު ފިޔަވަޅު އަޅާނަން - އިލެކްޝަންސް


އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބޭއްވީ ޤާނޫނާއި ޚީލާފަށްކަމަށާއި، އެޕާޓީއާމެދު ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީ ޤާނޫނާ އެއްގޮތަށް ބާއްވާނެކަމަށް ބުނެ އެކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ. ނަމަވެސް އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް، އެމްޑީޕީން އީއްޔެ ބޭއްވި ޕްރައިމަރީއަކީ ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް ބޭއްވި ޕްރައިމަރީއެއް ކަމަށެވެ. އަދި އެ ޕްރައިމަރީގަ އެއްވެސް ޤާނޫނީ ބުރަދަނެއް ނެތްކަމަށާއި ޕްރައިމަރީ ބަލައިނުގަންނާނެކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އެމްޑީޕީއާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަން ފާހަގަކުރައްވާ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، އެކޮމިޝަންގެ ބައްދަލުވުމެއް އަންނަ އާދީއްތަ ދުވަހު ބާއްވާނެކަމަށާއި އެބައްދަލުވުމުގައި އެކަމާމެދު ގޮތެއް ނިންމާނެކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި 48 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެމްޑީޕީ އުވާލުމަށް ހައިކޯޓަށް ހުށައެޅުން ނުވަތަ އެޕާޓީ ޖޫރިމަނާކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ފިޔަވަޅު އެޅުމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމާއެކު، ގޮތެއް ނިންމާނީ އެކަންކަމާމެދު މަޝްވަރާކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި، ސިޔާސީ ޕާޓީއެއް އުވާލުމަށް ހައިކޯޓަށް ހުށައެޅޭނެ ކަންކަމުގެ ތެރޭގައި ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމާއި، ޤާނޫނުތަކާއި ތަކުރާރުކޮށް ޚިލާފުވުމާއި، ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށް ޕާޓީ ހިންގުންފަދަ ކަންކަން ހިމެނެއެވެ. އަދި އެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނާ ޚިލާފުވާ ފަރާތެއް، 30 ހާސް ރުފިޔާއާއި 75 ހާސް ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށެވެ.