ކުޅިވަރު

އާޖެންޓީނާ އަކީ ފެވަރިޓެއްނޫން: މެސީ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާއަކީ މުބާރާތް ކާމިޔާބުކުރާނެ ފެވަރިޓެއްނޫން ކަމަށް ކެޕްޓަން ލަޔޮނަލް މެސީ ބުނެފިއެވެ.
ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ބުނީ އާޖެންޓީނާ އަކީ ތަށި ހޯދުން އެންމެ ގާތް ޓީމަށް ނުވި ނަމަވެސް މުބާރާތުގައި އެ ޤައުމުން ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށެވެ.

"ކޮލިފައިންގައި އަހަރުމެންގެ ނަތީޖާތައް އެހާ ރަނގަޅެއްނޫން. އަދި ވަރަށް ދަށްކޮށް ބައެއް މެޗުތަކުގައި ކަންތައްތައް ގޮސްފައިވަނީ. އެކަމަކު މިހާރު އަހަރުމެން ޓީމު މި އޮތީ ރަނގަޅު ހާލަތެއްގައި. ވޯލްޑް ކަޕުގައި އަހަރުމެން ރަނގަޅު ފައިޓެއްދޭނަން،" ހެއިޓީކޮޅަށް ހެޓްރިކް ހެދުމަށް ފަހު އިއްޔެރޭ މެސީ ބުންޏެވެ.

އޭނާ ބުނީ ޖޫން މަހުގެ 14ގައި ފަށާ ވޯލްޑް ކަޕުގައި ބްރެޒިލް، ފްރާންސް، ޗެމްޕިއަން ޖަރުމަނު އަދި ސްޕޭނަކީ އާޖެންޓީނާ އަށްވުރެ ވަރުގަދަ ޤައުމުތައް ކަމަށެވެ.
މުބާރާތަށް ތައްޔާރުވާން އާޖެންޓީނާ ކޭމްޕް ޖަހާގޮތަށް ހަމަޖެހިފައިވަނީ ސްޕޭނުގައެވެ. ވޯލްޑް ކަޕުގައި އާޖެންޓީނާ ވާދަކުރަން ޖެހެނީ ކްރޮއޭޝިޔާ އާއި ނަޖީރިއާ އަދި އައިސްލޭންޑާ އެވެ.