ޚަބަރު

އެމްއޭސީއެލްގެ 10 މުވައްޒަފަކަށް ޙައްޖަށް ދިއުމުގެ ފުރުޞަތުދީފި


މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން އެކުންފުނީގެ 10 މުވައްޒަފަކަށް މިއަހަރު ޙައްޖަށް ދިއުމުގެ ފުރުޞަތު ދީ އެކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ.

އެމްއޭސީއޭލްގެ ފަރާތުން 1439 ވަނަ އަހަރު ޙައްޖަށް ފޮނުވާ ފަރާތްތަކަށް ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުވައްޒަފުންނަށް ލިޔުން ޙަވާލުކޮށްދެއްވީ އެމްއޭސީއޭލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ. ޗަމްޕާ ސެންޓަރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، ޙައްޖަށް ފޮނުވާ މުވައްޒަފުން ކަނޑައެޅުމުގައި ބަލާފައިވަނީ ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކުރި މުވައްޒަފުންނަށް އިސްކަންދިނުމުގެ އުސޫލަކަށްކަމަށެވެ.

އާދިލް މޫސާ ވިދާޅުވީ، ފާއިތުވެދިޔަ ތިން އަހަރު އެމްއޭސީއެލުން އެކުންފުނީގެ 30 މުވައްޒަފަކަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވި ކަމަށެވެ.

އެމްއޭސީއެލުން އެކުންފުނީގެ މުވައްޒަފުންގެ ލާބަޔަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަކަމަށް އާދިލް ވިދާޅުވިއެވެ. އެގޮތުން މިހާރު އެކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢު އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިމަޝްރޫޢުގެ ދަށުން ފްލެޓް ގަތުމުގައި މުވައްޒަފުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވާފައިކަމަށެވެ. އެމްއޭސީއެލުގައި 2800 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުން ގެންދެއެވެ.