ކުޅިވަރު

ރެއާލްގެ އިސްތިހާރުތަކުން ރޮނާލްޑޯ ފިލައިފި!


ރެއާލް މެޑްރިޑުގެ އާ ޖާޒީ ދައްކާލުމަށް ކުޅުންތެރިން ބޭނުންކޮށްގެން ތައްޔާރުކުރި އޮފިޝަލް ޕޯސްޓަރުތަކުގައި ނުހިމެނި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ގެއްލިއްޖެއެވެ.

ރޮނާލްޑޯ ފޮޓޯ ނެތި ޕޯސްޓަރުތައް އާއްމުކުރިއިރު އޭނާ ވަނީ އަންނަ ސީޒަނުގައި އެކުލަބުން ނުފެނިދާނެ ކަމުގެ އިޝާރާތެއް މީގެ ދެ ދުވަސް ކުރިން ކޮށްފައެވެ. ނަމަވެސް މިކަމާމެދު ރެއާލް އާއި ރޮނާލްޑޯ ވެސް އަދި ތިބޭ ހިމޭނުންނެވެ.
އުމުރުން 33 އަހަރު ރޮނާލްޑޯ މިޕޯސްޓަރުތަކުގައި ހިމެނިފައިނުވާއިރު ރެއާލްއިން ދައްކާލާފައިވަނީ އޭނާގެ ނަމާއި ނަމްބަރު ޖެހި ޖާޒީގެ ފުރަގަސް އެކަންޏެވެ. އަދި ރޮނާލްޑޯއަކީ ޕޯސްޓަރުތަކުގައި ނެތް ރެއާލްގެ ހަމައެކަނި ތަރިވެސްމެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރޮނާލްޑޯ ޕޯސްޓަރުތަކުން ނުފެނުނީ ރެއާލްގެ ޖާޒީ އެޑިޑާސްއިން ތައްޔާރުކުރާތީ އެވެ. ރޮނާލްޑޯ ސްޕޮންސާކޮށްފައިވަނީ އެޑިޑާސްއާ އެންމެ ވާދަވެރި ނައިކީ ކުންފުނިންނެވެ.

ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު ހޯދުމަށްފަހު ރޮނާލްޑޯ ބުނީ އޭނާގެ ކުރިމަގު އޮތްގޮތެއް ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށާއި މިވަގުތު އޭނާގެ ނިންމުން ހާމަކުރަން ބޭނުންނުވަނީ ތަށީގެ އުފާފާޅު ކުރަން ބާއްވާ ރަސްމިއްޔާތުތަކަށް ހުރަސް އެޅިދާނެތީ ކަމަށެވެ.
ރޮނާލްޑޯ ރެއާލް އަށް ބަދަލުވީ 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުންނެވެ. އޭނާއަށް އިނގިރޭސި ބައެއް ކުލަބުތަކުން މިހާރު ވެސް ޝައުގުވެރިވެ އެވެ.