ޚަބަރު

މިފަހަރުވެސް ހަބޭސް ބޮޑުބެރު ގުރޫޕްގެ ރޯދަ ހަދިޔާއަކަށް މަދަހަ ސީޑީއެއް


"މިސްކު"ގެ ނަމުގައި ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް ހަބޭސްއިން އުފެއްދި މަދަހަ އަލްބަމް ނެރެފިއެވެ.

މި އަލްބަމަކީ ރޯދަ ހަދިޔާއެއްގެ ގޮތުން ރައްޔިތުންނަށް ހިލޭ ފޯރުކޮށްދިނުމަށް ހަބޭސް އިން ނެރުނު މަދަހަ އަލްބަމެކެވެ. މި އަލްބަމުގައި ހިމެނެނީ މިއުޒިކާ ނުލާ ކިޔާފައިވާ އަމިއްލަ ރާގުގެ އަށް މަދަހަ އެވެ. މި އަލްމަބްގެ މަދަހަތައް ކިޔާފައިވަނީ ހަބޭސް ބޮޑުބެރު ގްރޫޕްގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕުތަކުންނެވެ. މީގެތެރޭގައި، ހަރުބީ، މަންދީރަ، ދަންމާނު، ގުރަހަލި، ހޭރިޔާ، ބޮޑުބެރު ގުރޫޕް ހިމެނެއެވެ. މިސްކުގެ ނަމުގައި ނެރެފައިވާ މަދަހަ އަލްބަމަކީ ވީޑިއޯ އަލްބަމެކެވެ.

ހަބޭސްއިން މިދިޔަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށްވެސްވަނީ މަދަހަ އަލްބަމެއް ނެރެ އާންމުންނަށް ހިލޭ ފޯރުކޮށްދީފައެވެ. ހަބޭސްގެ މެނޭޖަރ އަލީ ޝިފާޢު ބުނީ، މިދިޔަ އަހަރު އެ ގުރޫޕުން ނެރުނު "ޒަމާން" މަދަހަ އަލްބަމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށާއި، މިދިޔަ އަހަރު ނެރުނު އަލްބަމަށްވުރެ މިފަހަރުގެ އަލްބަމް ހުރިހާ ގޮތަކުންވެސް ފުރިހަމަވާނެކަމަށެވެ.

މި މަދަހަ އަލްބަމްގެ ސީޑީތަކެއްގެ ގޮތުގައި ބެހުމުގެ އިތުރުން ހަބޭސް ސްޓޫޑިއޯއިންވެސް މި އަލްބަމް ލިބެންހުންނާނެކަމަށް އަލީ ޝިފާއު ބުންޏެވެ، އަދި ޕީއެސްއެމްގެ މާލްދީބް ފިހާރައިންވެސް މި އަލްބަމްގެ ކޮޕީ ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މި އަލްބަމްގައި ހިމެނޭ ހުރިހާ މަދަހައެއް ޔޫޓިއުބު މެދުވެރިކޮށްވެސް މިހާރު ބަލާލެވޭނެއެވެ.