ޕަބްލިކް ސާރވިސް މީޑިޔާ (ޕީއެސްއެމް) ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "އެމްޑީ ރަމަޟާން ތްރީ އޮން ތްރީ ކަޕް" ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ. 
މި މުބާރާތަކީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަލީލްގެ އިސްނެންގެވުމުގެ މަތީން ކުރިއަށްގެންދާ މުބާރާތެކެވެ. ދިވެހިރާއްޖޭގެ އަޑުގައި ކުރިއަށްގެންދާ މުބާރާތް ފެށުމުގެ ރަސްމީޔާތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަލީލް އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފްގެ އިތުރުން އެކި ޑިޕާރޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވިއެވެ. 
މި މުބާރާތް ރަސްމީކޮށް ފަށްޓަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޙަލީލް އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފް އަދި ޑިރެކްޓަރ ޓީވީ މުހައްމަދު ނިޔާޒްއެވެ. ޕީއެސްއެމްގެ މުވައްޒަފުންނަށް ޢާއްމުކޮށް ހުޅުވާލުމުން މުބާރާތުގެ ފިރިހެން ބައިގައި 12 ޓީމު އަދި އަންހެން ބައިގައި 4 ޓީމް ވަނީ ބައިވެރިވެފައެވެ.
ފިރިހެން ބައިގައި ބައިވެރިވި 12 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލަފާއެވެ. ގްރޫޕް އޭ ގައި ހިމެނޭ ޓީމު ތަކަކީ، ދަ ގަނާރޒް، ޑީއެސްއެންޖީ، ބޭރިތައް، ބްލެންޑް އަދި ފީނިގެ އިތުރުން އެޑްމިންއެވެ. ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ، އޯޓީޓީ، ސޭލްސް، ވީމިކްސް، ޓީމް ޕްރޮކިއުމަންޓް އަދި އަލްފާކިއުގެ އިތުރުން ވިރޯޅިއަށްވެސް ޓީމެވެ. 
އަންހެން ބައިގައި ވާދަކުރާ ހަތަރު ޓީމަކީ، ޕީއެސްއެމް ކަނެކްޓް، ރަރިޓީ އަދި ޓީމް އެޗް އާރުގެ އިތުރުން މާލްދީބުގެ ޓީމެވެ. 
މި މުބާރާތުގެ ޗެންޕިއަންކަން ހޯދާ ޓީމަކަށް ދިހަ ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ފަސް ހާސް ރުފިޔާ ދިނުމަށް ޕީއެސްއެމްގެ އެމްޑީ ވަނީ ކަނޑައަޅާފައެވެ.