ޚަބަރު

އިންފުލުއެންޒާ ވެކްސިން ޖަހައިދޭ ގަޑިއާއި ތަންތަން އިއުލާނުކޮށްފި


އިންފުލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސްކޮށް، ވެކްސިން ޖަހައިދޭނެ ގަޑިއާއި ތަންތަން އިއުލާނުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރު ބަޔާނެއްގައި ބުނީ، އިންފުލުވެންޒާ އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ މުހިއްމު ކަމެއް ކަމަށާއި ވަކިން ޚާއްޞަކޮށް އިންފުލުވެންޒާއިން ނުރައްކާވެދާނެ ފަރާތްތަައް ވެކްސިން ޖެހުމަށް އިސްކަން ދޭންޖެހޭކަމަށެވެ. އެގޮތުން ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ދައިމީ ބަލިތަކަށް ފަރުވާ ހޯދާމީހުން ހިމެނެއެވެ.

އިންފުލުވެންޒާ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ސެނަހިޔާ ހޮސްޕިޓަލާއި ދަމަނަވެށިންނެވެ. އެގޮތުން އައިޖީއެމް ހޮސްޕިޓަލުން ވެކްސިން ޖެހުމުގެ ޚިދުމަތް ދޭނީ މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު މެންދުރު 1:00 އިން 3:00 އަށެވެ. ސެނަހިޔާ އިން ރަސްމީ ބަންދުނޫން ދުވަސްތަކުގައި ހެނދުނު 10 އިން މެންދުރުފަހު 2 ކަށް، އަދި ކޮންމެ ދުވަހެއްގެ ރޭނގަނޑު 8 އިން ދަންވަރު 12 އަށް ޚިދުމަތް ދޭނެއެވެ.

މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުން އާދިއްތަ އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު 12 އިން 13:30 އަށް ވެކްސިން ޖަހައިދޭނެއެވެ. ދަމަނަ ވެށިން ވެކްސިން ޖަހައިދޭ ގަޑިތަކަށް ބަލާއިރު ރަސްމީ ބަންދުދުވަސްތައް ނޫން ދުވަސްތަކުގައި ހެނދުނު 10:15 އިން 13:30 އަށް އަދި ހޯމަ އަދި ބުރާސްފަތި ދުވަހުގެ ރޭގަނޑު 9 އިން 10 އަކަށް ވެކްސިން ޖަހައިދޭނެއެވެ.

އިންފުލުއެންޒާ ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ ޑޮކްޓަރަށް ދެއްކުމަށްފަހު ޑޮކްޓަރުގެ ލަފާގެމަތިން އިންފުލުއެންޒާ ޖެހިގެން ނުރައްކާވެދާނެ ފަރާތްތަކަށް ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.