ޚަބަރު

މުއައްސަސާތަކުގެ މެދުގައި ބާއްވާ ޤުރުޢާން މުބާރާތް އިފްތިތާޙްކޮށްފި


އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި ޔުނިވާސިޓީތަކާއި، ކޮލެޖްތަކުގެ މެދުގައި ބާއްވާ 2 ވަނަ ޤުރުޢާން މުބާރާތް އިފްތިތާޙް ކޮށްފިއެވެ.

އިސްލާމީ މަރުކަރުގައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި މި ޤުރުޢާން މުބާރާތް އިފްތިތާޙް ކޮށްދެއްވީ ކީރިތި ޤުރުއާނާބޭހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާއެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް ވިދާޅުވީ ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވާ ޤުރުއާން މުބާރާތްތަކުގެ ބޭނުމަކީ، ރީތިކޮށް ޤުރުއާން ކިޔެވުމަށް ހިއްވަރުދިނުމާއި، ކީރިތި ޤުރުއާންގެ ފަންނު ކުރިއެރުވުން ކަމަށެވެ. އެގޮތުން މި ސަރުކާރުން ޤުރުއާން ކިޔެވުމުގެ މުޅިން އާ މުބާރާތްތަކެއް ބާއްވަން ފަށާފައިވާކަން ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫއްޔާގެ އިސްނެންގެވުމަށް ރާއްޖޭގައި ބޭއްވި ބައިނަލްއަޤްވާމީ މުބާރާތަކީ ފާހަގަކޮށްލެވޭ މުބާރާތެއްކަމަށް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.

"
"ސަރުކާރުގެ އަމާޒެއް އެއީ ކޮންމެ މީހަކީވެސް ޤުރުއާން ހެޔޮކޮށް ކިޔަން އެނގޭ މީހެއް ކަމުގައިވުން. އެގޮތުން ބޭއްވޭ ޤުރުޢާން މުބާރާތްތަކަކީވެސް ހަމަ އެ މަޤްޞަދުގައި ބޭއްވޭ މުބާރާތްތަކެއް. އެހެންވީމަ ސަރުކާރުން ދަނީ މިކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ޤުރުއުއާން ހިތުދަސްކޮށްދިނުމަށާ، ޤުރުއާން ކިޔަވައިދިނުމަށާ، ޤުރުއާނާބެހޭ މަރުކަޒުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި މި މަސައްކަތްތައް ދަނީ ކުރަމުން"
އިބްރާހީމް ރަޝީދު މޫސާ - ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ސަރުކާރު އޮފީސްތަކާއި، ކުންފުނިތަކާއި، ޔުނިވާސިޓީތަކާއި، ކޮލެޖްތަކުގެ ޤުރުއާން މުބާރާތަކުގައި މިއަހަރު 9 މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ. އެއީ ޤައުމީ ޔުނިވާސިޓީއާއި، އިސްލާމީ ޔުނިވާސިޓީއާއި، ކަސްޓަމްސްއާއި، އެމް.އެން.ޑީ.އެފާއި، ސްޓެލްކޯއާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީއާއި، އެމް.ޕީ.އެލް އަދި އެމް.އޭ.ސީ.އެލް އެވެ.

މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، އަންގާރަ އަދި ބުދަދުވަހު އިސްލާމީ މަރުކަޒުގައެވެ.

މި މުބާރާތުގެ ކޮންމެ ގޮތްޕަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ އަންހެން ބައިވެރިޔާއާއި، ފިރިހެން ބައިވެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން 1 ވަނަ މުއައްސަސާއާއި، މުޅި މުބާރާތުން އެންމެ މޮޅު ބައިވެރިޔާ ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 60 ބައިވެރިން ވަނީ ބައިވެރިވެފައެވެ.