ޚަބަރު

އަފްޣާނިސްތާނުގައި ހިންގި އޮޕަރޭޝަނެއްގައި ޢާއްމުންގެ 9 މީހަކު މަރުވެއްޖެ


އަފްޣާނިސްތާނުގެ އިރުމަތީގެ ޕްރޮވިންސެއް ކަމަށްވާ ނަންގަރްހާރްގައި އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި އާއްމުންގެ 9 މީހުން މަރުވެއްޖެއެވެ.

އަފްޣާނިސްތާނުގެ އަސްކަރިއްޔާއިން ހިންގި މި އޮޕަރޭޝަންގައި އިތުރު 8 މީހަކު ޒަޚަމުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ސަރަހައްދުގެ ޢާއްމުން ބުނާގޮތުން އަސްކަރީ ބާރުތަކުގެ މި އޮޕަރޭޝަންތަކުގައި ޖުމުލަ 12 މީހުން މަރުވެ 28 މީހުން ވަނީ ޒަޚަމުވެފައެވެ.

އަފްޣާނިސްތާނުގައި އެކި ސަރަހައްދުތަކުގައި ހަނގުރާމަވެރި ޖަމާޢަތްތަކުން ދޭ ހަމަލާތައް އިތުރުވެފައިވާތީ ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންތައްވެސް މިވަނީ އިތުރުވެފައެވެ. އަދި މިކަމުގެ ސަބަބުން އަފްޣާނިސްތާނުގެ ޢާއްމުންނަށް ލިބޭ ގެއްލުންތައްވެސް އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އަފްޣާނިސްތާނުގައި ދީފައިވާ ހަމަލާތަކުގައި އެކަނިވެސް ޢާއްމުންގެ 763 މީހުން މަރުވެ 1،495 މީހުން ޒަޚަމުވެފައިވާކަމަށް އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އ.ދ.ގެ މިޝަނުން ވަނީ ބުނެފައެވެ.