ކުޅިވަރު

ފްރާންސް މޮޅުވިއިރު، ބަލޮޓެއްލީގެ ލަނޑުން އިޓަލީ ހިތްހަމަޖެހިއްޖެ


އެކުވެރިކަމުގެ މެޗުތަކުގައި ރޭ އަޔަލޭންޑް އަތުން ފްރާންސް 2-0 ން މޮޅުވިއިރު< މާރިއޯ ބަލޮޓެއްލީ އެނބުރި އައިސް ޤައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ލަނޑާއެކު ސައުދީ އަރަބިއާ އަތުން އިޓަލީ 2-1 ން މޮޅުވެއްޖެއެވެ.

އަޔަލޭންޑް ކޮޅަށް ފްރާންސަށް ލަނޑު ޖަހައިދިނީ އޮލީވިއާ ޖީރޫޑާއި ނަބީލް ފެކީރެވެ. ވޯލްޑް ކަޕުން ކަޓާފައިވާ ކުރީގެ ޗެމްޕިއަން އިޓަލީއަށް ބަލޮޓެއްލީ ޖެހި ގޯލަކީ ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި އޭނާ ޤައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އަޚުލާޤީ މައްސަލަތަކުގެ ސަބަބުން ފޯމު ކަޓާފައިހުރި ފޯވަޑް އަލުން ޤައުމީ ޓީމަށް ގެނައީ އޭނާގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީއެވެ. އިންޓަމިލާނާއި މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު މަންޗިނީ ޤައުމީ ޓީމާ ހަވާލުވީ ހުސްވި ހަފުތާގައެވެ.
އަހަރުތަކަކަށް ފަހު މި އަހަރު އަލުން ވޯލްޑް ކަޕް ކުޅޭ ސައުދީން ބަލިވިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ އިޓަލީ ދެ ލަނޑު ޖެހި ފަހުން ޔަހްޔާ އަލް ސެހްރީއެވެ.

ޕޯޗުގަލް އާއި ޓިއުނީޝިޔާ ކުޅުނު މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. މެޗުގެ ނަތީޖާ ޓިއުނީޝިޔާ ހަމަހަމަކުރީ ފުރަތަމަ 34 މިނިޓް ތެރޭގައި ޕޯޗުގަލް ދެ ލަނޑު ޖަހާފައި އޮއްވައެވެ. މި މެޗުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅެއެވެ.