ކުޅިވަރު

ސްޕޭން ސްކޮޑުން ވަކިނުކޮށް ކަވަހާލް ބަހައްޓަނީ


އަނިޔާވެފައިވާ ޑިފެންޑަރު ޑެނީ ކަވަހާލް ސްޕޭން ވޯލްޑް ކަޕް ސްކޮޑުން ވަކިނުކޮށް ބަހައްޓަން ނިންމައިފިއެވެ.

ސްޕޭނުގެ ފެޑަރޭޝަނުން ނެރުނު ނޫސް ބަޔާނުގައި ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކަވަހާލްގެ ފަޔަށް ލިބުނު އަނިޔާ ކުރިން ހީކުރިހާ ސީރިއަސްނޫން ކަމަށެވެ. މިހެންވެ ވޯލްޑް ކަޕަށް ދާ ޓީމުން އޭނާ ވަކިނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު އޭނާ އަލުން ސްޕޭން ޓީމާ ގުޅި ފަރުވާ ކުރިއަށް ގެންދާނެ ކަމަށެވެ.
ކަވަހާލް އަކީ ސްޕޭނުގެ ކޯޗު ހޫލިއަން ލެޕޮޓެގުއިގެ ގޭމް ޕްލޭނުގައި ވަރަށް މުހިންމު ކުޅުންތެރިއެކެވެ. ސްޕޭނުން ބުނީ ޤައުމީ ޓީމަށް މިހާތަނަށް 15 މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ ވޯލްޑް ކަޕުގައި ސްޕޭން ކުޅެން ޖެހޭ ފުރަތަމަ މެޗަށް ފުރިހަމައަށް ފިޓްވާނެ ކަމަށެވެ. ނަމަވެސް ޖޫން 3 އާއި 9 ވަނަ ދުވަހު ސްވިޒަލޭންޑާއި ތޫނިސްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި އޭނާ ނުކުޅޭނެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސްޕެއިން އަންނަ މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.