ކުޅިވަރު

ރާމޯސް ސަސްޕެންޑްކުރުމަށް އެދި ހަތަރު ލައްކަ މީހުން ސޮއިކޮށްފި


ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް ސަސްޕެންޑްކުރުމަށް ގޮވާލާ، މީގެ ދެ ދުވަސްކުރިން އޮންލައިންކޮށް ފެށި ޕެޓިޝަނުގައި ހަތަރު ލައްކަ މީހުން ސޮއިކޮށްފިއެވެ.

ރާމޯސް ސަސްޕެންޑް ކުރުމަށް އެދެމުންދަނީ ލިވަޕޫލްގެ މިސުރު ފޯވަޑް މުހައްމަދު ސަލާހްގެ ސަޕޯޓަރުންނެވެ. އެއީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް އަތުން 3-1 ން ލިވަޕޫލް ބަލިވި މެޗުގައި ސަލާހަށް އަނިޔާވެ ދަނޑުން ބާލަން ޖެހުމާ ގުޅިގެންނެވެ. ގިނަ ސަޕޯޓަރުން ތުހުމަތު ކުރަނީ ރާމޯސް ކުރި ފައުލާ ގުޅިގެން ސަލާހުގެ ކޮނޑުހުޅު ނެއްޓި ކުރިއަށް އޮތް ވޯލްޑް ކަޕް ކުޅެވޭނެ ކަމުގެ ބިރުހީވީ ރާމޯސް ނުބައި ނިޔަތަކާއެކު އެ ފައުލް ކުރުމުން ކަމަށެވެ.

ޕެޓިޝަނުގައި ބުނެފައިވަނީ ވެސް ރާމޯސް ފައުލްކުރީ ސަލާހަށް ގަސްތުގައި އަނިޔާކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ރިވެތި ގޮތުގައި ފުޓްބޯޅަ މެޗުތަކުން މޮޅުވުމަށްވުރެ ބޮޑަށް، ރާމޯސް އިސްކުރަނީ ކުޅުންތެރިންނަށް އަނިޔާކޮށްގެން މެޗުތަކުން މޮޅުވާން ކަމަށާއި، އޭނާ އަކީ ކުރިމަގުގެ ޖީލުތަކަށް ނަމޫނާ ކުޅުންތެރިއެއްނޫން ކަމަށެވެ. މިހެންވެ ފީފާ އާއި ޔޫއޭފާއިން ރާމޯސްގެ އަމަލުތަކަށް ބަލައި އަދަބު ދިނުމަށެވެ.
ނަމަވެސް މިއީ ފީފާއިން މިހާތަނަށް ބަލައިގެންފައިވާ ޕެޓިޝަނެއްނޫނެވެ. ނަމަވެސް މިސުރުގެ ޤާނޫނީ ވަކީލަކު ބުނީ ބައިނަލް އަޤްވާމީ މެޗުތަކަށް ރާމޯސް ގަސްތުގައި ސަލާހަށް އަނިޔާކުރީ ކަމަށާއި މި މައްސަލާގައި ސަލާހާއި މިސުރުގެ ސަޕޯޓަރުންނަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެއް ބިލިއަން ޔޫރޯ ނަގައިދިނުމަށް ރާމޯސްއާ ދެކޮޅަށް ދައުވާ ހުށަހަޅާނެ ކަމަށެވެ.

ސަލާހުގެ ކޮނޑު ހުޅަށް ލިބުނު އަނިޔާގެ ސަބަބުން ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަމުގެ ބިރު ހީވިއަސް ކުޅުންތެރިޔާ ވަނީ މުބާރާތުގައި މިސުރުގެ ޖާޒީގައި ކުޅެން އޭނާ ފިޓްވާން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިސުރުން ވޯލްޑް ކަޕުގައި މިފަހަރު މި ކުޅެނީ 1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ.