ޚަބަރު

ރޯދަމަހުގެ ފުރަތަމަ ދުވަހު 8 ލޭންޑިން ކްރާފްޓްގެ ކުނި މާލެއިން ބޭރުކުރި - ވެމްކޯ


ރޯދަމަހުގެ ފުރަތަމަ ދުވަހު 8 ލޭންޑިންގ ކްރާފްޓުގެ ކުނި ވެމްކޯއިން ތިލަފުށްޓަށް ގެންދިޔަ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ވެމްކޯއިން ބުނީ އެހެނިހެން މަސްތަކާއި ޚިލާފަށް ރޯދަމަހު ގޭބިސީތަކުގައި އުފެދޭ ކުނި ދެ ގުނަ އިތުރުކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވެމްކޯގެ ހައުސް ހޯލްޑް ކަލެކްޝަންގެ އެސިސްޓެންޓް މެނޭޖަރ މުހައްމަދު ޝާން ވިދާޅުވީ ވެމްކޯއިން ކުނި މެނޭޖު ކުރުމުގެ މަސައްކަތް ފެށި ފަހުން ގިނަ ދުވަސްތަކެއް ނުވަނީސް ރޯދަމަސް ކުރިމަތިވިކަމަށެވެ. އަދި މިއީ އެ ކުންފުނިން އެ މަސައްކަތް ފެށި ފަހުން އައި ފުރަތަމަ ރޯދަމަސް ކަމަށާއި އެހެންކަމުން ރޯދަމަހުގެ ފުރަތަމަ ދެތިން ދުވަހު ކުނި ނެގުމުގައި ދަތިތަކެއް ކުރިމަތިވެގެން ދިޔަ ކަމަށް ޝާން ވިދާޅުވިއެވެ.

ޝާން ވިދާޅުވީ ރަމަޟާން މަހު ވެމްކޯގެ މުވައްޒަފުންނަށް ލުޔެއް ދިނުމުގެ ގޮތުން ކުނި ނެގުމުގެ މަސައްކަތް ފެށީ ރޭގަނޑުކަމަށާއި އެހެންނަމަވެސް ރޭގަނޑު އެކަނި މަސައްކަތް ކުރުމުން ގޭބިސީތަކުން ކުނި ނެގުމަށް ގިނަ ދަތިތަކެއް ކުރިމަތިވެގެން ދިޔަ ކަމަށެވެ.
"ރޯދަމަހުގެ ފުރަތަމަ ދުވަހު އެކަނި 300 ކޯލު އަޅުގަނޑުމެންގެ ކޯލް ސެންޓަރަށް ވަނީ އައިސްފައި. އޭގެ މާނައަކީ އެ ދުވަހު އަޅުގަނޑުމެންނަށް 100 ޕަސެންޓް ސަރވިސް ޕްރޮވައިޑް ކޮށެއް ނުދެވުނޭ. މިހާރު އަޅުގަނޑުމެންގެ ކޯލް ސެންޓަރަށް އަންނަނީ 40 ނުވަތަ 30 ކޯލް. އޭގެ މާނައަކީ 17،000 ގޭބިސީއަކަށް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށް 30 ނުވަތަ 40 ކޯލް އައިމަ އެއީ ނޯމަލްވީއޭ،" މުހައްމަދު ޝާން ވިދާޅުވިއެވެ.

ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހުގެ ތަޖުރިބާއަށް ބެލުމަށްފަހު ވެމްކޯއިން ވަނީ ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެނެސްފައެވެ. މގޮތުން މިހާރު ކުނި ނަގަމުން އަންނަނީ ހަވީރު ހަތަރަކުން ދަންވަރު ބާރައަށެވެ. ޝާން ވިދާޅުވީ ވެމްކޯއިން ކުނި ނުނަގާ ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ބައެއް ވާހަކަތައް ދެއްކިނަމަވެސް މިހާރު އެކަން އެގޮތަށް ނުވާނެކަމަށެވެ. އަދި ގެތަކުން ނެރޭ ކުނި ބަރާބަރަށް ނަގަމުން ގެންދާކަމަށްވެސް ޝާން ވިދާޅުވިއެވެ.

މާލެގެ މަގުތަކަކީ ސާފު މަގުތަކެއްގެ ގޮތުގައި ބެހެއްޓުމަށް ވެމްކޯއިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާން ވިދާޅުވީ، މާލޭގެ އެންމެ ގޮނޑު ސަރަހަދެއްގެ ގޮތުގައި ރައްޔިތުން ސިފަ ކުރާ އެއް ސަރަޙައްދަކީ މާރުކޭޓް ސަރަޙައްދު ކަމަށެވެ. ނަމަވެސް މިހާރު އެ ސަރަޙައްދަކީ ސާފު ސަރަޙައްދެއްކަމަށާއި އެ ސަރަޙައްދުގައި ޑަސްބިންވެސް ބަހައްޓާފައިވާނެ ކަމަށް ޝާން ވިދާޅުވިއެވެ. އެހެންނަމަވެސް ބައެއް ފަރާތަކުން އެ ޑަސްބިންތަކުގެ ބޭނުން އެންމެ ރަގަޅަށް ހިފަމުން ނުދާކަން ޝާން ފާހަގަކުރެއްވިއެވެ.

" ކުރިން ރެއަކުވެސް ކުނި ނެގުމަށް އެ ސަރަޙައްދަށް އަޅުގަނޑުމެންގެ މުވައްޒަފުން ދިޔައިރު އެ ސަރަޙައްދުތަކުގައި ބަހައްޓާފައިހުރި ޑަސްބިންތަކުގެ ބޭރުގައިވެސް ކުނި އަޅާފައި ހުރީ. އަޅުގަނޑު ދަންނަވާލަން ބޭނުން މިކަމުގައި އަޅުގަނޑުމެން ފަރުދުންގެ ޒިންމާއެއްވެސް އެބައޮތޭ. ތިމާ ކުރާ މިފަދަ ކަންކަމުގެ ސަބަބުން އަނެކާއަށް ލިބިދާނެ ގެއްލުންތަކަށް އަޅުގަނޑުމެން އެބަޖެހޭ ވިސްނާލަން،" ޝާން ވިދާޅުވިއެވެ.

ޝާން ވިދާޅުވީ ވެމްކޯއިން ކުރިއަށް މިގެންދަނީ ވަރަށް ބޮޑު މަސައްކަތެއްކަމަށާއި މި މަސައްކަތަށް ޢާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އަދި މާލެއަކީ ސާފުތަނެއްގެ ގޮތުގައި ބެހެއްޓޭނީ އެންމެން އެކީ ގުޅިގެން މަސައްކަތް ކުރުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.