ޚަބަރު

އަދަބު ތަންފީޒުވިޔަ ނުދިނުމަށް އިދިކޮޅު ލީޑަރުން ކުރާ މަސައްކަތުން ދޭހަވަނީ އެއީ ޤާނޫނީ ސަރުކާރެއްހިންގުމަށް ކުފޫ ހަމަނުވާ ބައެއްކަން- ރައީސް


އަދަބު ތަންފީޒުވިޔަ ނުދިނުމަށް އިދިކޮޅު ބައެއް ލީޑަރުން ކުރާ މަސައްކަތުން ދޭހަވަނީ އެ ލީޑަރުންނަކީ ޤާނޫނީ ސަރުކާރެއްހިންގުމަށް ކުފޫ ހަމަނުވާ ބައެއްކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމާއި އަލަށް ގުޅުނު ފަރާތްތަކުގެ ފޯމް ހަވާލުކުރުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕީއެމާއި އަލަށް ގުޅުނު ފަރާތްތަކުގެ ފޯމް ހަވާލުކުރުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ދިވެހިރާއްޖެ އުނދަގޫ ހިސާބެއްގައި އޮވާ ސަލާމަތްކުރެވިއްޖެކަމަށް އެމަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށެވެ.

ދިވެހި ރާއްޖެއަކީ މިނިވަން ޤައުމެއްކަން ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމުގެ އެތެރޭގެ ހަމަޖެހުން ގެއްލޭ ކަންކަމަށް ބޭރު މީހުނަނަށް އަތްބާނަން ދައުވަތުދޭ ލީޑަރުންނަށް ރައްޔިތުން ތާޢީދުނުކުރާނެކަމަށާއި، އެއީ ޤައުމުގެ މަސްލަހަތު ތަންދޭނެވެސް ކަމެއް ނޫންކަމަށެވެ. ނަމަވެސް އިދިކޮޅު ސިޔާސީ ލީޑަރުންގެ ފަރާތުން މިހާތަނަށް ފެންނަނީ އެފަދަ ކަންކަމަށް ހިތްވަރުދޭ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރުންނަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، ޤާނޫނާ ޚިލާފް ކަމެއް ކުރުމުން އަދަބު ލިބެންވާނެކަން ޤަބޫލުކުރަންޖެހޭނެކަމަށާއި، އަދަބުން ފިލައިގެން ނުވަތަ އަދަބު ތަންފީޒުވިޔަ ނުދިނުމަށް އިދިކޮޅު ބައެއް ލީޑަރުން ކުރާ މަސައްކަތުން ދޭހަވަނީ އެ ލީޑަރުންނަކީ ޤާނޫނީ ސަރުކާރެއްހިންގުމަށް ކުފޫ ހަމަނުވާ ބައެއްކަން ކަމަށެވެ.

ފެބުރުއަރީ އެއްވަނަ ދުވަހުގެ ކަންތައްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެދުވަހު ހިނގާދިޔަ ކަންކަމަކީ ޤައުމަކަށް އުފުލަން ފަސޭހަ ކަންތައްތަކެއް ނޫންކަމަށް. ރައީސް ވިދާޅުވީ އެކަމުގައި ސިޔާސި ބައެއް ލީޑަރުންނާއި ރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަން ދަމަހައްޓަން ތިބި އެންމެ ނުފޫޒުގަދަ މީހުންވެސް ޝާމިލްކޮށްފައިވާކަމަށެވެ.

މިއީ ސިޔާސީ މީހުން އެމީހުންގެ ކުރިމަގު އުޖާލާކުރުމަށާއި، އަމިއްލަ ފައިދާ ހާސިލްކުރުމަށް ޤާނޫނާ ޚިލާފަށް ކުރާ ކަންކަންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ޤާނޫނާ ޚިލާފަށް ކަންކަން ކުރުމަށްފަހު އެމީހުން ދާންބޭނުންވާ ހިސާބަށް ދެވުމުންް އެމީހުން ޤާނޫނާ އެއްގޮތަށް ކަންތައް ކުރާނެކަމަށް ވިސްނުމަކީ ނުބައި ވިސްނުމެއްކަމަށެވެ. އަދި ޤާނޫނުން ބޭރުން ކަންކަން ކުރުމަށްފަހު ދެން ރައްޔިތުންގެ އިތުބާރު ނުލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ޕޮލިސް ކޮމިޝަނަރ އޭގެ ތެރެއަށްވަދެއްޖެ. އެއީ ރާއްޖޭގެ ދާޚިލީ ކަންކަމުގަ ކޯޓުތަކުން އަމުރުކުރީމަވެސް އަދި ހުކުމް ތަންފީޒްކުރުމަށްވެސް އެންމެ ފުރަތަމަ ނުކުންނަންތިބި ބަޔަކީ އަދި ދާޚިލީ ކަންކަން ހަމަޖައްސަން ތިބި ބަޔަކީވެސް. ދެން އެންމެން އިތުބާރުކުރާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންވެސް މީގައި ހިމެނިއްޖެ. އެހެންކަމުން މިއީ ރައީސް ޔާމީންއަށްވެސް ފަރުދީގޮތުން ލޯމަރާލާފައި މަޢާފްދީގެން ކުރިއަށް ގެންދެވޭނެ ކަންކަމެއްނޫންކަމަށް ޤަބޫލުކުރަންޖެހޭ. މިއީ ދައުލަތުގެ ހައްޤުތަކަށް އަރައިގަތުން." ރައީސް ވިދާޅުވިއެވެ.

މިއީ މިފަދަ ކަމެއްގެ ނަތީޖާއަށާއި ޤައުމުގެ މުސްތަޤުބަލަށް ވިސްނާލުމެއްނެތި ކޮށްފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ މުޅިޤައުމާއި ރައްޔިތުން ސަލާމަތްކުރުމަށް ކޮންމެ ފަރުދަކުވެސް ވިސްނުމަށް އިލްތިމާސްކުރައްވާފައެވެ.