ޚަބަރު

ދިވެހި ބަހުން ޤުރްއާން ތަފްސީރު ފޮތެއް ނެރެނީ


ކީރިތި ޤުރްއާނުގެ ތަފްސީރު ފޮތެއް ދިވެހިބަހުން އެކުލަވާލައި ނެރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެންވިދާޅުވީ ޒަކާތު ފަންޑުންދޭ ސްކޮލަޝިޕްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހިބަހުން އެކުލަވާލާ، ކީރިތި ޤުރްއާން ތަފްސީރު ފޮތުގެ މަސައްކަތާބެހޭގޮތުން ބާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ.ޒިޔާދު ވިދާޅުވީ މިހާރުވެސް ކުރިއަށްދާ މިމަސައްކަތް ކުރަމުން އަންނަނީ ފަސް ބޭފުޅުންގެމައްޗަށް އެކުލެވޭ ޚާއްސަ ކޮމެޓީއަކުންކަމަށާ، ކުރިއަށް އޮތް ދެތިން މަސްދުވަހުގެތެރޭގައި މި ފޮތުގެ ފުރަތަމަ ޗާޕު ނެރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ގުރުއާނުގެ ތަފްސީރުގައި ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ތަފްސީލް މަޢުލޫއުތާއި، ސަބަބުއްނުޒޫލު ނުވަތަ އެސޫރަތެއް ނުވަތަ އާޔަތެއް ބާވައިލެއްވި ސަބަބުފަދަ މުހިއްމު މަޢުލޫމާތު ހިމެނޭ ޢިލްމެވެ. އިސްލާމިކް މިނިސްޓްރީން އެކުލަވާލުމަށް މަސައްކަތްކުރަމުންދާ ޤުރްއާން ތަފްސީރު ފޮތް އެކުލަވާލުމުގައި ނަމޫނާ އަކަށް ބަލާނީ ރައީސް އޮފީހުން ނެރެފައިވާ ކީރިތި ޤުރުއާންގެ ރަސްމީ ދިވެހި ތަރުޖަމާއަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.