ޚަބަރު

ވެލާނާ އެއަރޕޯޓުގައި އެމްއައިބީގެ އޭޓީއެމް ޚިދުމަތް ދޭންފަށައިފި


މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޚިދުމަތް ފުޅާކޮށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އޭޓީއެމްގެ ޚިދުމަތް ދޭންފަށައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާ ދެއްވީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކްޓިންގ ސީއީއޯ އަޙްމަދު ރިޒާއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ. މި އޭޓީއެމް ހުންނަނީ އެއަރޕޯޓުގައި ހުންނަ އުރީދޫ އަދި ދިރާގު ފިހާރަ ކައިރީގައެވެ.

އޭޓީއެމް ހުޅުއްވާދެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްއައިބީގެ އެކްޓިންގ ސީއީއޯ އަޙްމަދު ރިޒާ ވިދާޅުވީ މި އައުޓްލެޓްގެ ސަބަބުން އެއަރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ދަތުރުކުރާ ފަރާތްތަކުގެ އިތުރުން އެކި ބޭނުންތަކުގައި އެއަރޕޯޓަށް ދާ މީހުނަށް ލުއި ފަސޭހަ ވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"އެއަރޕޯޓަށް މިހާ ބޮޑު ފޯކަސްއެއް ދޭންޖެހުނީ އެއަރޕޯޓަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިނާރުކަމަށް ޤަބޫލުކުރާތީ. އެހެންކަމުން އެއަރޕޯޓުން ޚިދުމަތް ހޯދާ ފަރާތްތައް ވަރަށް ގިނަ. އެހެންކަމުން މަޤްސަދަކީ އެފަރާތްތަކަށްވެސް އެމްއަބީގެ ޚިދުމަތް ފަސޭހަކަމާއެކު ލިބެން ހުންނާނެ މަގު ފަހިކޮށްދިނުން" ރިޒާ ވިދާޅުވިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އާދީލް މޫސާ ވިދާޅުވީ އެމްއައިބީގެ ޚިދުމަތް އެއަރޕޯޓުން ލިބެން ހުރުމަކީ އެއަރޕޯޓަށް އަންނަ މީހުންނަށް އެއަރޕޯޓުން އިތުރު ޚިދުމަތެއް ތަޢާރަފްވެގެން ދިއުންކަމަށާއި އެއީ އެއަރޕޯޓަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަށެވެ.

"އެއަރޕޯޓަކީ ވަރަށް މޯވްމަންޓް ބޮޑުތަނެއް. އަދި މިތާ މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއްވެސް އެމްއައިބީންވަނީ ހަމަޖައްސާފައި. އެހެންކަމުން އުއްމީދުކުރަނީ އެމްއައިބީގެ ޚިދުމަތް އެމްއޭސީއެލްގައި މަސައްކަތްކުރާ ދެހާހަށްވުރެ ގިނަ މުވައްޒަފުން ބޭނުންކުރާނެކަމަށް" އާދިލް މޫސާ ވިދާޅުވިއެވެ.

އެއަރޕޯޓުގައި ޤާއިމްކޮށްފައިވާ އޭޓީއެމްއިންވެސް އެމްއައިބީގެ އެހެނިހެން އޭޓީއެމްތަކުން ލިބޭ ހުރިހާ ޚިދުމަތް ކަސްޓަމަރުންނަށް ލިބޭނެކަމަށް އެމްއައިބީ އިން ބުނެއެވެ. އެގޮތުން ބެލެންސް ޗެކްކުރުމާއި މިނި ސްޓޭޓްމެންޓް ނެގުމާއި އޭޓީއެމް ކާޑުގެ ޕިން ނަންބަރު ބަދަލުކުރުމާއި އެކައުންޓުން ފައިސާ ޓްރާންސްފަރ ކުރުން ފަދަަ ޚިދުމަތްތައް ހިމެނެއެވެ. އަދި ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށްވެސް ވިހިހާސް ރުފިޔާ ނެގޭނެ އިންތިޒާމް އެމްއައިބީން ވަނީ ހަމަޖައްސާފައެވެ.