ޒުވާނުންނަށް ޚާއްޞަކޮށްގެން އެއްދުވަހުން ލައިސެންސް ނެގޭ ޕްރޮގްރާމް، "އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގައި މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާނުންނަށް ލައިސެންސް ދީފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ޒުވާނުންވަނީ ބައިވެރިވެފައެވެ. އެގޮތުން މިހާތަނަށް 1000ވުރެ ގިނަ ޓޯކަން ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. ޕްރޮގްރާމްގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކަށް ޚިދުމަތް ދޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ. ރޭ ގައި ޚިދުމަތް ދިން ބައެއް ފަރާތްތަކާ ރޭ ވަނީ ލައިސެންސް ހަވާލުކޮށްފައެވެ.
"އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމާބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ލައިސެންސް ދެނީ ތިއަރީ އިމްތިޙާނުން ފާސްވެ، ދުއްވުމުގެ ބައިވެސް ފުރިހަމަ ކުރާ ފަރާތްތަކަށް ކަމަށެވެ. އަދި މިޕްރޮގްރާމަށް ލިބުނު ތަރުޚީބަށް ބެލުމަށްފަހު ޕްރޮގްރާމްގެ މުއްދަތު އިތުރުކުރުމަށް ވިސްނަވާކަމަށާއި، އެކަމުގެ ތަފްޞީލް އާއްމު ކުރައްވާނެކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އެއްލަކިން ލައިސެންސް ޕްރޮގްރާމުގެ މަޤްސަދަކީ ޤާނޫނާއި ގަވައިދުގެ ދަށުން ފަސޭހަ ކަމާއެކު ލައިސެންސް ދޫކުރުން ކަމަށެވެ. އަދި ކުރީގައި މިޚިދުމަތް ހޯދަން 2500 ރުފިޔާ ޚަރަދުވާއިރު މި ޕްރޮގްރާމުގައި ޖުމްލަ 554 ރުފިޔާ އިން ލައިންސެންސްގެ ކަންކަން ނިމޭނެކަން އޭނާ ފަހަގަކުރެއްވިއެވެ.
އެއްލަކިން ޕްރޮގްރާމުގެ ދަށުން ރޭ ލައިސަންސް ލިބުނު ފަރާތް ތަކުން ބުނީ ޒުވާނުންނަށް ޚާއްޞަކޮށް މިފަދަ ޕްރޮގްރާމެއް ހިންގުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި ކުރިން ގިނަ ވަގުތުނަގާ، ބޮޑު ޚަރަދެއްދާ މިކަހަލަ ޚިދުމަތެއް ވަގުތުން ލިބޭކަމީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
"އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގައި ޓޯކަން ދޫކޮށްފައިވާ ފަރާތްތަކަށް މިރޭ ވެސް ޚިދުމަތް ދޭނެކަމަށް އިކޮނޮމިކް މިނިސްޓްރިން ބުނެއެވެ.