ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުންދާ އާޖެންޓީނާއިން ޢާއްމުކޮށް ފަރިތަކުރުމެއް ހުޅުވާލުމުން ގިނަ ބައެއްގެ ސަމާލުކަން މެސީއަށް ހުއްޓިއްޖެއެވެ. 
ވޯލްޑްކަޕްގެ ފޯރި ގަދަކޮށް، ސަޕޯޓަރުންގެ ރޫހު ރަނގަޅު ކުރުމަށް ޢާއްމުކޮށް ހުޅުވާލި ފަރިތަކުރުންތަކުގައި އެންމެ ގިނައިން ބައިވެރިވެ، ތަރުހީބު ދިނީ ކުޑަކުދިންނެވެ. ބުއެނަސް އައިރެސްގެ ކްލަބް އެތްލެޓިކޯ ހުރެކޭން ސްޓޭޑިއަމްގައި ކުރިއަށްގެންދިޔަ މި ފަރިތަކުރުންތައް ބަލާލުމަށް އެ ސިޓީގެ ފަޤީރު ސަރަހައްދުތަކުންނާއި ސްކޫލްތަކުން 15000 އަށްވުރެ ގިނަ ކުޑަކުދިން ބައިވެރިވެ ޤައުމީ ތަރި ލިއޮނެލް މެސީއަށް ވަނީ ސަޕޯރޓްކޮށްފައެވެ. މެސީގެ އިތުރުން ސާޖިއޯ އަގުއޭރޯވެސް ވަނީ ކުޑަކުދިންނާ ބައްދަލުކޮށް ފޮޓޯ ނަގާފައެވެ. 
މި ފަރިތަކުރުންތަކަކީ އަންގާރަ ދުވަހު ހެއިޓީއާ ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗަށް ޚާއްޞަކޮށް ކުރިއަށްގެންދިޔަ ފަރިތަކުރުމެކެވެ. ވޯލްޑްކަޕްގެ ކުރިން އާޖެންޓީނާ ކުޅޭނެ އެންމެ ފަހު އެކުވެރިކަމުގެ މެޗަކީ ޖޫން 9 ވަނަ ދުވަހު އިޒްރޭއިލާ ވާދަކުރާ މެޗެވެ.