ޚަބަރު

ތަކްފީރްކުރުން އިތުރުވަނީ ދީނީ ހޭލުންތެރިކަން ކުޑަވުމުން- އައްޝައިޚް ޢަލީ ޒާހިރު


ތަކްފީރުކުރުންފަދަ ޢަމަލުތައް މުޖުތަމަޢުގައި އިތުރުވަނީ ދީނީ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ކަމަށް އައްޝައިޙް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

އައްޝައިޚް ޢަލީ ޒާހިރު މިހެން ވިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މިރޭ ބޭއްވި ފޯރަމްގައެވެ. މިރޭގެ އިޙްޔާ ފޯރަމް ބާއްވާފައިވަނީ " ތަކްފީރްކުރުން" މި މަޢުޟޫއަށެވެ.

ތަކްފީރް ކުރުމަކީ މުސްލިމަކާއި ދިމާލަށް ކާފިރެކޭބުނުން، ނުވަތަ މީހަކު ކުރާ ޢަމަލަކާއި ގުޅުވައިގެން އެމީހަކީ ދީނުން ބޭރުވެފައިވާ މީހެއްކަމުގައި ނިންމުމެވެ.

އައްޝައިޚް ޢަލީ ޒާހިރު ވިދާޅުވީ މިފަދަ ޢަމަލުތައް މީހުންގެ ކިބައިން ފެންނަ އެންމެ ބޮޑު އެއް ސަބަބަކީ ދީނާގުޅޭގޮތުން އެނގެންޖެހޭ މުހިންމު މަޢުލޫމާތުތައް އެނގިފައި ނެތުމާއި، ދީނަށް މާބޮޑަށް ލޯބިކުރުމުގެ ސަބަބުން އެހެން މީހުން ކުރާ ކުށްތައް މާ ފުންކޮށް ނަގައިގަތުންކަމަށެވެ.

ޝައިޙް ވިދާޅުވީ މުސްލިމަކާއި ދިމާލަށް ކާފިރެކޭ ބުނުމަކީ އެމީހާގެ ޙައްޤަށް އަރައިގަތުންކަމަށެވެ. އަދި މިއީ ދީނުގައި ވަރަށް ބޮޑަށް މަނާކޮށްފައިވާކަމެއް ކަމަށާއި، މީހެއްގެ އީމާންތެރިކަން އެހެން މީހަކަށް މިންނުކުރެވޭނެކަމަށެވެ. އަދި މީހަކު ދީިނަށް ލޯބިކުރާ މިންވަރު ބޭރުފުށުން ދެނެނުގަނެވޭނެކަމަށާއި، އެކަންވަނީ އެމީހާގެ އަޤީދާއާއި، ކުރާއަޅުކަމާއި، ޤަބޫލުކުރާ ޤަބޫލުކުރުންތަކުގައާއި އަޙްލާގުގައިކަމަށެވެ.

މި ފޯރަމްގައިވަނީ ކުފުރު ކުރާ މީހުންނާމެދު އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހައްދުތަކާއި އެފަދަ މީހުންނާމެދު އަމަލުކުރާނެގޮތްވެސް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. އެގޮތުން ކީރިތި ރަސޫލާގެ ސުންނަތުން ހެކި ދައްކައި މިފަދަ ޙާލަތްތަކުގައި މީގެ ކުރިން ޢަމަލުކޮށްފައިވާ ގޮތްތައްވެސް ކިޔައިދީފައިވެއެވެ.

މީގެ އިތުރުން، މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނެ އެމީހަކީ ކާފަރެއްކަމަށް ނިންމޭނީ ޝަރުޢީ ގޮތުން އެކަން ސާބިތުވެގެންކަން ފާހަގަކުރައްވާ، އެކަން ޝަރުޢީގޮތުން ބެލޭނެ ގޮތްތައްވެސް މިރޭގެ ފޯރަމްގައި ތަފްސީލުކޮށްދީފައިވެއެވެ.

މީހަކާ ދިމާލަށް ކުފުރުވެފައިވާ މީހެއްކަމަށް ބުނެ، އެކަން ސާބިތުކޮށް ނުދެވިއްޖެނަމަ އެހެން ބުނި މީހަކަށް އެކަން ރައްދުވާނެކަން ފާހަގަކުރައްވާ، އެފަދަ ނުރައްކާތެރި ފާފަތަކުން ދުރުހެލިވެ ތިބުމަށް، ދިވެހި މުޖުތަމަޢުއަށް މިރޭގެ ފޯރަމްގައި އައްޝައިހް ޢަލީ ޒާހިރްވަނީ ނަސޭހަތްތެރިވެފައެވެ.