ޚަބަރު

މަޝްވަރާ ކުރިއަށްގެންދަން އުތުރު ކޮރެއާ އަދިވެސް ތައްޔާރު- މޫން


ކޮރެއާ ބައްރުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް މަސައްކަތްކުރެއްވުމަށް އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮން އުން އަދި ވެސް ތައްޔާރަށް ހުންނެވިކަމަށް ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިން ވިދާޅުވެއްޖެއެވެ.

މޫން މިހެން ވިދާޅުވީ، ދެ ޤައުމު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ދެ ކޮރެއާގެ އިސްވެރިންގެ ބޭއްވި ބައްދަލުވުމަށް ފަހުގައެވެ. އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ދެމެދު އޮންނަ ސަރަހައްދުގެ ކައިރީގައި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިން ބޭއްވެވި ކުއްލި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކ ދައްކަވަމުން މޫން ވިދާޅުވީ، ކޮރެއާ ބައްރުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމާ ބެހޭގޮތުން ދެފަރާތުގެ ދެމެދު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެއްވިކަމަށެވެ. މި މަޝްވަރާތަކުގައި ކިމް ވަނީ އެ މަސައްކަތައިގެން ކުރިއަށް ވަޑައިގަތުމަށް އުތުރު ކޮރެއާ އަދިވެސް ތައްޔާރުކަން ބަޔާން ކުރައްވާފައިކަމަށް މޫން ވިދާޅުވިއެވެ.

މީގެ އިތުރުން، އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައިގައި އެމެރިކާއެކު މަޝްވަރާކުރަންވެސް އުތުރު ކޮރެއާގެ ޒަޢީމް އަދިވެސް ތައްޔާރަށް ހުންނެވިކަމަށް ދެކުނު ކޮރެއާގެ ރައީސް ވިދާޅުވިއެވެ. ހުސްވި ހަފުތާގައި ދެކުނު ކޮރެއާގެ ރައީސް ވަނީ އެމެރިކާއަށް ވަޑައިގެން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވާފައެވެ. އަދި އުތުރު ކޮރެއާގެ ޒަޢީމް ކިމްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ޓްރަމްޕް އުތުރު ކޮރެއަށް ދިނުމަށް ބޭނުންވެވަޑައިގެންނެވި މެސެޖްތައް އުތުރުގެ ޒަޢީމްއަށް މޫން އެރުއްވިކަމަށް ދެކުނު ކޮރެއާއިން ބުނެއެވެ.

ދެ ކޮރެއާގެ ދެމެދު ދެމަސް ދުވަހުގެ ތެރޭގައި ބޭއްވި މިފަދަ ދެވަނަ ބައްދަލުވުމަށް ފަހު އުތުރު ކޮރެއާގެ ޒަޢިމް ކިމްއާ ހަވާލާދީ އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ، އުތުރު ކޮރެއާގެ ޒަޢީމް ކިމް ހުންނެވީ ނިއުކްލިޔަރ މައްސަލައިގައި އެމެރިކާއާއެކު މަޝްވަރާކުރެއްވުމަށް ތައްޔާރަށް ކަމަށާއި މިއީ ކިމް އެންމެ ބޭނުންވެވަޑައިގަންނަވާ ގޮތްކަމަށެވެ. ޖޫން މަހުގެ 12 ވަނަ ދުވަހަށް ކިމް އާއި ޓްރަމްޕްގެ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ކެންސަލް ކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާއިރު، މި ބައްދަލުވުން ކުރިއަށްދާނެކަމުގެ އުއްމީދު މިވަނީ އިތުރުވެފައެވެ.

ޓްރަމްޕް މި ބައްދަލުކުރެއްވުން ކެންސަލްކުރެއްވީ ބުރާސްފަތި ދުވަހުކަމުގައިވާނަމަވެސް ހޮނިހިރު ދުވަހު ޓްރަމްޕް އަނެއްކާވެސް ވަނީ މި ބައްދަލުކުރެއްވުން ބޭއްވުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާކަން އިޢުލާންކުރައްވާފައެވެ.