ޚަބަރު

ޕާކިސްތާނުގެ ޢާއްމު އިންތިޚާބު ޖުލައި 25 އަށް ތާވަލުކޮށްފި


ޕާކިސްތާނުގައި އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހު ޢާއްމު އިންތިޚާބެއް ބާއްވާނެކަން އެ ޤައުމުގެ އިންތިޚާބާ ބެހޭ އިދާރާއިން އިއުލާނުކޮށްފިއެވެ. ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން ވަނީ މި ތާރީޚުގައި އިންތިޚާބު ބާއްވަން ފާސްކުރައްވާފައިކަމަށް، އެ އިދާރާއިން ވަނީ ބުނެފައެވެ.

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިމަހުގެ 31 ވަނަ ދުވަހު ޕާކިސްތާނުގެ ސަރުކާރާ އެގައުމުގެ ޤާނޫނު ހަދާ މަޖިލީސް އުވާލާނެއެވެ. އަދި އިންތިޚާބުގެ ނަތީޖާ އިޢުލާންކޮށް ސަރުކާރެއް އެކުލަވާލެންދެން އެ ޤައުމުގައި ވެރިކަން ކުރައްވާނީ ވަގުތީ ސަރުކާރަކާ ވަގުތީ ބޮޑުވަޒީރެކެވެ.

އެހެންނަމަވެސް ޕާކިސްތާނުގައި ވެރިކަން ކުރަމުންދާ ޕާކިސްތާން މުސްލިމް ލީގު ނަވާޒާ ދެކޮޅު ފަރާތްތަކާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރުކަމަށް އައްޔަނުކުރައްވާނެ ބޭފުޅެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. ޕާކިސްތާނުގެ އިންތިޚާބު ދިމާވެފައި މިވަނީ އެގައުމުގައި އަނެއްކާވެސް ސިޔާސީ ދެބަސްވުންތައް އުފެދި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅަކެވެ.