ޚަބަރު

ހުމާ ރޯގާ ޖެހިގެން ދުވާލަކު 300 މީހުން ޑޮކްޓަރަށް ދައްކާ - އައިޖީއެމްއެޗް



ހުމާ ރޯގާ ޖެހިގެން އެވްރެޖްކޮށް ދުވާލަކު 300 މީހުން ޑޮކްޓަރަށް ދައްކަމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ، އަރިދަފުސް ރޯގާއި، ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ ތެރޭގައި ހުރިހާ އުމުރުފުރާއެއްގެ މީހުންވެސް ހިމެނޭ ކަމަށެވެ. ހުމާ އަރިދަފުސް ރޯގާ ޖެހިގެން އެވްރެޖްކޮށް ދުވާލަކު 300 މީހުން ޑޮކްޓަރަށް ދައްކަމުންދާއިރު މި އަދަދު އިތުރުނުވާ ކަމަށާއި އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނޭ.
މިދުވަސްވަރު ފެތުރެމުންދާ ހުމާ ރޯގާއަށް ޚާއްސަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލްގައި ފްލޫ ކްލިނިކް ހުޅުވި ފަހުން މިހާތަނަށް ޖުމްލަ 312 މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ.

ހުޅުމާލޭގައި ފްލޫ ކްލިނިކެއްގެ ޚިދުމަތް ދެމުން ގެންދަނީ ހެނދުނު އަށަކުން ރޭގަނޑު ބާރައަށް. ހުޅުމާލޭ ހޮސްޕިޓަލްގައި ފްލޫ ކްލިނިކް ހުޅުވީ، މިދުވަސްވަރަކީ ހަލުވިކަމާއިއެކު އިންފްލްއެންޒާ އަދި އަރިދަފުސް ރޯގާ ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ ހުޅުމާލޭ ގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިމަހުގެ އެއްވަނަ ވަނަ ދުވަހުން ފެށިގެން ސައުވީސް ވަނަ ދުވަހާ ހަމަޔަށް އެ ހޮސްޕިޓަލްގެ ފްލޫ ކްލިނިކަށް އެއްހާހަށްވުރެ ގިނަ މީހުން ދައްކާފައިވެއެވެ.
މިދުވަސްވަރު އިންފުލުއެންޒާއާއި އަރިދަފުސް ރޯގާ ފެތުރުން އިތުރުވެފައިވާތީ، ބަލިން ސަލާމާތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދުން ހިމެނެއެވެ.