ޚަބަރު

"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ރަސްމީކޮށް ލޯންޗްކޮށްފި


މުޅި ރާއްޖޭގެ އިޤްތިސާދުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށްދޭ ފުރަތަމަ އެވޯޑް "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ރަސްމީކޮށް ލޯންޗްކޮށްފިއެވެ.

ހުޅުލޭ އައިލެންޑް ހޮޓެލްގައި މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި "މޯލްޑިވްސް ބިޒްނަސް އެވޯޑް" ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރެޖިސްޓާ އޮފް ކޮންޕެނީޒް މަރިޔަމް ވިސާމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރެޖިސްޓާ އޮފް ކޮންޕެނީޒް މަރިޔަމް ވިސާމް ވަނީ މިފަދަ އެވޯޑެއް ބޭއްވުމަށް އިސްނެގީތީ ބްލޭޒަން އިންކް އަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިފަދަ އެވޯޑެއްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ވިސާމް ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށްދޭ އެވޯޑެކެވެ. މި އެވޯޑުގެ ބޭނުމަކީ އެ ވިޔަފާރިތަކުން ޤައުމުގެ އިޤްތިސާދަށް އަންނަ ހެޔޮބަދަލާއި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެހެން ވިޔަފާރިތައް ތަރައްޤީވުމަށް ހިތްވަރުދިނުންކަމަށް މި އިވެންޓް އިންތިޒާމްކުރާ ބްލޭޒަން އިންކްއިން ބުނެއެވެ. ބްލޭޒަން އިންކަކީ ރާއްޖޭގައި ހިންގާ ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.

ބިޒްނަސްއެވޯޑު ދޭން ހަމަޖެހިފައިވަނީ ހަތަރު ކެޓަގަރީއަކުން 28 އެވޯޑެވެ. އެ އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު 23 ޖޫންގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ 22 ވަނަ ދުވަހު އޮންނަ ގާލާގައެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018 ގެ މީޑިއާ ޕާޓްނަރަކީ ޕީއެސްއެމްއެވެ.