ޚަބަރު

ހުޅުމާލޭ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!


ރާއްޖޭގައި މިހާރު ކުރިއަށްއަށްދާ ހަކަތައިގެ އެންމެ ބިޔަ މަޝްރުއޫއަކީ ހުޅުމާލޭ ފިފްތް ޕަވަރ ޕްރޮޖެކްޓެވެ. ސްޓެލްކޯގެ 79 މިލިއަން ޑޮލަރުގެ މި މަޝްރޫޢު ޙަވާލުކޮށްވާފައިވަނީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް ކޯޕަރޭޝަނާއެވެ.

ޑޮންގްފަންގް އިލެކްޓްރިކް ކޯރޕަރޭޝަނަކީ ހަކަތައިގެ ދާއިރާއިން މުޅި ދުނިޔެއަށްވެސް މަޝްހޫރު އަދި އެދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކުންފުންޏެކެވެ.
ފާއިތުވި 30 ހަކަށް އަހަރުތެރޭ ދުނިޔޭގެ އެކި ހިސާބުތަކުގައި ސަތޭކައަށްވުރެ ގިނަ މަޝްރޫޢު ހިންގުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ޗެންގްޑޫގައި ހުންނަ އެކުންފުނީގެ ހެޑް އޮފީހުގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޑޮންގްފަންގް އިންޓަރނޭޝަނަލްގެ ވައިސް ޕްރެސިޑެންޓް ހޫ ވެއިޑޮންގް ވިދާޅުވީ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރު ފަހުކޮޅު އެތަނުން ކަރަންޓުގެ ހިދުމަތް ދޭން ފެށުން ކަމަށް ވެއިޑޮންގް ވިދާޅުވިއެވެ. އަދި މި މަޝްރޫއުއާއި އެކު އިންޖީނުގެ ހޫނުން އުފެދޭ ފެން، ބޯފެނުގެ ގޮތުގައި އުފެއްދުމުގެ މަޝްރޫޢުވެސް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެެވެ.

" ފިފްތް ޕަވަރ ޕްރޮޖެކްޓުގެ ޕަވަރ ހައުސް ހެދުމުގެ މަސައްކަތް ނިމި، ހަ އިންޖީނުވެސް ވަނީ މިހާރު ބަހައްޓާފައި، ޕްލޭންއަކީ މިއަހަރު ފަހުކޮޅު އެތަނުން ހިދުމަތް ދޭން ފެށުން، އަދި މި މަޝްރޫޢާއި އެކު މި ޕްވަރ ޕްލާންޓުގެ އިންޖީނުތަކުގެ ހޫނުން އުފެދޭ ފެން ބޯފެނުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި އެކަމާއި ގުޅޭ މަސައްކަތްތައްވެސް ކުރަމުން މިދަނީ، މިތަނުން ދުވާލެއްގެ މައްޗަށް އެހާސް މެޓްރިކްޓަނުގެ ފެން އުފެއްދޭނެ" ވެއިޑޮންގް ވިދާޅުވިއެވެ.

ވެއިޑޮންގ ވަނީ ރާއްޖޭގައި ހަކައިތައިގެ މަސައްކަތްތައް ކުރިއަށް ގެންދަމުންދާ ގޮތަށް ތައުރީފުކޮށްފައެވެ. އަދި ތިމާވެއްޓާއި ހަކަތައާއި ގުޅޭ ކަންތައްތައް އެއް މިނިސްޓްރީއެއްގެ ދަށުން ކުރިއަށްގެންދިޔުމަކީ ރާއްޖެއިން ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދާއިރު ތިމާވެއްޓަށް ދޭ އަހައްމިއްޔަތުކަން ދައްކައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް މަދު ޤައުމެއްގައި ހަކަތައާއި ތިމާވެއްޓާއި ގުޅޭ ކަންތައްތައް އެއް މިނިސްޓްރީއެއްގެ ދަށުން ކުރިއަށް ގެންދާތަން ފެންނަނީ، މިއީ އަސްލު ވަރަށް ރަގަޅު ގޮތެއް، މި މަޝްރޫއު ކުރިއަށް ގެންދިޔުމުގައި ޙާއްސަ އިސްކަމެއް އެބަދެން ތިމާވެއްޓާއި ރައްޓެހިގޮތަކަށް މަޝްރޫޢު ކުރިއަށް ގެންދިޔުމަށް" ވެއިޑޮންގ ވިދާޅުވިއެވެ.

50 މެގަވޯޓްގެ މި ޕަވަރ ޕްލާންޓުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު ގުޅިގެން ކުރުމަށް ނިންމާފައިވާ އެކިއެކި މަސައްކަތްތައް ހިމެނެއެވެ. އޭގޭތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ މާލޭއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމެވެ. މި މަސައްކަތްވެސް ސްޓެލްކޯއިން ހަވާލުކޮށްފައިވަނީ ޑޮންގފަންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއެވެ.
މި މަޝްރޫޢުގެ ދަށުން ބްރިޖް މެދުވެރިކޮށް 132 ކިލޯވޯޓްގެ ހައި ވޯލްޓޭޖް ކަނެކްޝަނަކުން މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ގުޅާލެވޭނެއެވެ. މިކަމާއި ގުޅޭ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާ ކަމަށް ޑޮންގްފަންގް އިންޓަރނޭޝަނަލްގެ ވައިސް ޕްރެސިޑެންޓް ހޫ ވެއިޑޮންގް ވިދާޅުވިއެވެ.