ކުޅިވަރު

މިއީ ހިޔާލަށް ވެސް ނުގެނެވޭހާ ފުރިހަމަ ކާމިޔާބީއެއް: ޒިދާން


ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ ހިޔާލަށް ވެސް ނުގެނެވޭހާ ބޮޑު ކާމީޔާބީއެއް ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
މީގެ ތިން އަހަރު ކުރިން ރެއާލްއާ ހަވާލުވި ފަހުން ޒިދާން ވަނީ މިދިޔަ ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ތާރީޚުން ޖާގަ ހޯދައިފައެވެ.

"މިއީ ވަރަށް ފުރިހަމަ ކާމިޔާބީއެއް. މިއީ ވަރަށް ފުރިހަމަ ޓީމެއް. އަހަރެން މިހުރީ މި ކުލަބުގައި އަދި މި ކުޅުންތެރިންނާއެކު މަސައްކަތް ކުރަން ލިބުމުން ވަރަށް ފަހުރުވެރިވެފައި. މި ހިސާބުން އަހަރެމެން އަދި ހުއްޓާލާނީއެއްނޫން،" 2002 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުން ރެއާލްއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން މިޑްފީލްޑަރު ބުންޏެވެ.

އޭނާ ބުނީ މި ސީޒަނަކީ ސްޕެނިޝް ލީގުގައި ރެއާލްއަށް އެހާ ކާމިޔާބު ސީޒަނަކަށް ނުވިޔަސް ޗެމްޕިއަންސް ލީގު ތަށި ހޯދައިގެން މުޅި ސީޒަން ނިންމާލަން ޖެހުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"މިކުލަބުގެ ތާރީޚުން ޖާގައެއް ލިބުމުން އަހަރެން މިހުރީ ވަރަށް އުފަލުން. މިއީ ވަރަށް ތާރީޚީ އަދި ވަރަށް ޤަދީމީ ކުލަބެއް. 13 ފަހަރުގެ ތެރެއިން ތިން ފަހަރު އަހަރެންނަށް ތަށި ލިބުމަކީ ވަރަށް ބޮޑު އުފަލެއް. އަހަންނަށް އަހަރެންގެ ކުރިމަގާމެދު ވިސްނަން އަދި ވަގުތުކޮޅެއް އެބައޮތް،" ޒިދާން ބުންޏެވެ.