ކުޅިވަރު

ތަށްޓަށް ވާދަކުރެވޭ ވަރުގެ ޓީމެއް ހަދާނަން: ލިވަޕޫލް


އިނގިރޭސި ޕްރެމިއަރ ލީގު ކާމިޔާބު ކުރަން މޮޅު ކުޅުންތެރިން އަންނަ ސީޒަނުގައި ލިވަޕޫލަށް ގެންނާނެ ކަމަށް އެކުލަބުން ބުނެފިއެވެ.
ޗެއާރމަން ޓޮމް ވާނާ ބުނީ ކުޅުންތެރިން ގަތުމަށް ކޯޗު ޔާގެން ކްލޮޕް ބޭނުންވާ ވަރަށް އޭނާއަށް ފަންޑް ލިބޭނެ ކަމަށެވެ.
ޗެއާމަން ބުނީ ސްޕޭނުގެ ބޮޑެތި ކުލަބުތަކަށް ކުޅެން ބައެއް ކުޅުންތެރިން އަބަދުވެސް ބޭނުންވާ ފަދައިން ކްލޮޕް ލިވަޕޫލާ ހަވާލުވި ފަހުން އެކުލަބަށް ކުޅެން ބޭނުންވާ ކުޅުންތެރިންގެ އަދަދު އިތުރު ވެއްޖެ ކަމަށެވެ.
ލިވަޕޫލަށް އަންނަ ސީޒަނުގައި ގެންނާނެ އެއް ކުޅުންތެރިއަކީ ޖަރުމަނު ލީޕްޒިގްގެ ނަބީ ކެއިތާ އެވެ. އޭނާގެ އިތުރުން ފްރާންސްގެ ލިއޯންގެ ނަބީލް ފެކީރް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

"އަހަރެން ވަރަށް އުފާވާނެ ނަބީލް ފެކީރް ލިވަޕޫލަށް އަތުވެއްޖެނަމަ. އޭގެ އިތުރުން ވެސް އަހަރުމެން ސްކޮޑް ވަރުގަދަ ކުރުމަށް ބޭނުންވާ ކުޅުންތެރިން ގެންނާނަން. ކޯޗު ބޭނުންވާ ފެންވަރުގެ ކުޅުންތެރިން ގެނައުމަށް ކުލަބުން ބޭނުންވޭ. ބޭނުމަކީ ތައްޓަށް ވާދަކުރުން،" ޗެއާމަން ބުންޏެވެ.

އޭނާ ބުނީ ކްލޮޕްގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އޭނާ އަކީ އާދައިގެ މީހެއްގެ ގޮތުގައި ސިފަކުރި ނަމަވެސް ލިވަޕޫލަށް ކްލޮޕަކީ މިހާރު ވަރަށް ހާއްސަ މީހަކަށް ވެއްޖެ ކަމަށެވެ.
ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ވަނީ މިދިޔަ ތިން އަހަރު ތިން ފައިނަލްގައި ކުޅެ ބަލިވެފަ އެވެ. ނަމަވެސް އިނގިރޭސި ލީގާއި ޗެމްޕިއަންސް ލީގުގައި ދަނީ ނަތީޖާތައް ރަނގަޅު ކުރަމުންނެވެ.