ކުޅިވަރު

ބޭލް އާއި ރޮނާލްޑޯގެ ކުރިމަގު އޮތީ ކިހިނެތް؟


ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ހޯދައިން މުހިންމު ދެ ކުޅުންތެރިންގެ ކުރިމަގާމެދު އަމިއްލައަށް ސުވާލު އުފައްދައިފިއެވެ.
ލިވަޕޫލް އަތުން 3-1 ން ރެއާލް މޮޅުވި މެޗަށް ފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނީ ރެއާލްއަށް ކުޅުމަކީ ފަޚުރެއް ކަމަށާއި، ނަމަވެސް ސަޕޯޓަރުންނަށް އޭނާގެ ކުރިމަގު އޮތް ގޮތެއް ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށެވެ.
އުމުރުން މިހާރު 33 އަހަރުގެ ރޮނާލްޑޯ މިފަދައިން ވާހަކަ ދެއްކީ އޭނާގެ ކުރިމަގާމެދު ކުލަބުން އެއްވެސް ވާހަކައެއް ނުދައްކަނީހެވެ.
ރޭގެ މެޗުގައި ދެ ގޯލު ޖެހި ކުޅުންތެރިއަކީ ބޭލް އެވެ. އޭނާ ބުނީ މިހެންނެވެ.

"މެޗުގެ ފުރަތަމަ 11ގައި ނުހިމެނުމުން އަހަރެން ވަރަށް ދެރަވި. އެކަމަކު އެއީ ކޯޗުގެ ނިންމުމެއް. އަހަންނަށް އޮތީ ބަދަލު ކުޅުންތެރިއަކަށް ނެރުނީމަ ޓީމު މޮޅުކޮށްދޭން އެހީވުން. ބައެއް ފަހަރު 11 ކުޅުންތެރިން ނަތީޖާ ނުނެރެވި އެއަށްވުރެ ގިނަ ކުޅުންތެރިން ނަތީޖާ ނެރެންޖެހޭ ފަހަރު އާދޭ. މިރޭ މިވީ އެހެން. އަހަރެން ބޭނުން ޤަވާއިދުން ފުރަތަމަ 11ގައި ކުޅެން. އެ ފުރުސަތު މި ސީޒަނުގައި ލިބުނީ ވަރަށް މަދުން. އެހެންވީމާ އަހަރެންގެ އެޖެންޓާއެކު ވާހަކަ ދައްކައި ގޮތެއް ނިންމަންޖެހިފައި މި އޮތީ،" ބޭލް ބުންޏެވެ.

ރޮނާލްޑޯ އާއި ބޭލްއަށް އިނގިރޭސި ކުލަބުތަކުން ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.