ކުޅިވަރު

ސަލާހުގެ އަނިޔާ ސީރިއަސް. ވޯލްޑް ކަޕުގައި ނުކުޅެވިދާނެ: ކޯޗު


ޗެމްޕިއަންސް ލިގުގެ ފައިނަލުގައި ރޭ ރެއާލް މެޑްރިޑް އަތުން 3-1 ން ލިވަޕޫލް ބަލިވި މެޗުގައި މުހައްމަދު ސަލާހަށް ލިބުނު އަނިޔާ ސީރިއަސް ކަމަށާއި، އޭނާގެ ފޯވަޑަށް ވޯލްޑް ކަޕް ވެސް ގެއްލިދާނެ ކަމަށް ލިވަޕޫލުގެ ކޯޗު ބުނެފިއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޔާގެން ކްލޮޕް ބުނީ މެޗުގެ 30 ވަނަ މިނިޓްގައި ސަލާހުގެ ކޮނޑު ހުޅު ނެއްޓި ދަނޑުން ބާލަން ޖެހުނު ނަމަވެސް މެޗު ފުރިހަމަ ކުރަން ކުޅުންތެރިޔާ ވަރަށް މަސައްކަތް ކުރި ކަމަށެވެ.

"އޭނާ އަށް ނުވެގެން ބާލަން ޖެހުނީ. އެ އަނިޔާ ވަރަށް ސީރިއަސް. އަހަރެން އޭގެ ފަހުން އޭނާ އަދި ނުދެކެން. ހީވަނީ އޭނާވީ އެކްސްރޭ ނަގަން ހޮސްޕިޓަލުގައިހެން،" ކްލޮޕް ބުންޏެވެ.

ޖަރުރިބާކާރުން ބުނަމުން ދަނީ މިސުރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އަންނަ މަހު ފަށާ ވޯލްޑް ކަޕުގައި ނުކުޅެވިދާނެ ކަމުގެ ބިރު ބޮޑު ކަމަށެވެ.

"އޭނާ އެބަޖެހޭ މުހިންމު ނިންމުމެއް ނިންމަން. އާއްމުކޮށް ކޮނޑު ހުޅު ނެއްޓުނީމަ އެ އަނިޔާއިން ސަލާމަތްވޭ ތިނެއް ނޫނީ ހަތަރު ހަފުތާއިން. އެކަމަކު ކިރިޔާ ވެސް ދޫކަމެއް ހުރިއްޔާ އަނިޔާ ރަނގަޅުނުވެ ދިގުލައިދާނީ. އާއްމުކޮށް މިފަދަ އަނިޔާތައް ރަނގަޅު ކުރަން އޮޕަރޭޝަން ކުރަންޖެހޭ. އެއީ އެންމެ އަވަސް ހައްލު ގިނަ ފަހަރަށް،" ތަޖުރިބާކާރު މެޗު އެނަލިސްޓް ލާކް ލޯރެންސަން ބުންޏެވެ.

ސަލާހަކީ ނިމިދިޔަ ސީޒަނުގެ ޕްރެމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.