ޚަބަރު

2 ރެއިން 500 އަށްވުރެ ގިނަ ލައިސެންސް ދޫކޮށްފި މާދަމާރޭވެސް މި ޕްރޮގްރާމް އޮންނާނެ


ޒުވާނުންގެ ލައިސަންސް ވީކްގައި 2 ރޭ ތެރޭގައި 500 އެއްހާ ލައިސެންސް ދޫކޮށްފިއެވެ.

ޑްރައިވިންގ ލައިސަންސް ބޭނުންވާ ޒުވާނުންނަށް ލައިސެންސް ނެގުމުގެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ފުރަތަމަ ދެރޭ 500 ވުރެ ގިނަ ލައިސަންސް ދޫކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މި ޕްރޮގްރާމަށް ލިބިފައިވާ ތަރުހީބަށް ބަލައި އާދީއްތަ ދުވަހުގެރޭވެސް މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ނިންމާފައެވެ. އެގޮތުން މާދަމާރޭވެސް 9 އިން 12 އަށް ހުރަވީ ބިލްޑިންގް ސަރަހައްދުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތުދެއެވެ.

މުޅިން އަލަށް ލައިސެންސް ލިބުނު ފަރާތްތަކަށް ލައިސެންސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ލައިސަންސް ހަވާލުކޮށްދެއްވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒު ވިދާޅުވީ، މި ޕްރޮގްރާމްގެ ސަބަބުން ޤަވާއިދާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވާ މީހުން މަދުވެގެންދާނެކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން މަގުމަތި ނުރައްކާ ވެދޭކަމަށް ޤަބޫލު ނުކުރައްވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

"
ލަސްވެގެން ނުވަތަ ގިނަދުވަސްވެގެން ލައިސެންސް ނުލިބި ގިނަ ބަޔަކު ތިބޭ ކަމަށްވަންޏާ ހަމަ ވަރަށް ފުރުޞަތު ބޮޑު ލައިސެންސް ނެތި ސައިކަލް ދުއްވުން ނުވަތަ ވެހިކަލް ދުއްވުންވެސް. އެހެންވީމާ ލައިސެންސެއް އޮވެގެން ބަޔަކަށް މަގުމަތީގަ ދުއްވޭނެގޮތް ހަމަޖެހިގެން ދިޔައީމަ އޭގެން އަޅުގަނޑުމެނަށް ނުބަޔަކަށްވުރެ ރަނގަޅެއް ވެދާނެކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ. އެއީ ހަމަގައިމުވެސް ލައިސެންސް ނެތި ދުއްވާ ދުއްވުން ވަރަށް ބޮޑުތަން މަދުވެގެންދާނެ. އެއީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު ހިތްހަމަޖެހުމަކަށްވާނެ އަދި ޤާނޫނު ތަންފީޒުކުރާ މުއައްސަސާއެއްގެ ޙައިސިއްޔަތުން އަޅުގަނޑުމެންނަށްވެސް އެކަމުން ލުޔެއް ލިބިގެންދާނެ.
އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް

މި ޕްރޮގްރާމްގެ ދަށުން ލައިސެންސް ލިބުނު ޒުވާނުން ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ، މި ޕްރޮގްރާމްގެ ސަބަބުން ފަސޭހަކަމާއެކު ލައިސެންސް ނެގުމުގެ ފުރުޞަތު ލިބިގެން ދިޔަކަމަށެވެ. އަދި އެތައް ދުވަހަކުން ލިބޭ ލައިސެންސް އެއްރެއިން ލިބި، ކުޑަ އަގެއްގައި މިކަން ހަމަޖެހުނީތީ އުފާކުރާ ކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ބުނީއެއްލަކިން ޕްރޮގްރާމުގެ ދަށުން ލައިސެންސް ނެގުމަށް ފުރަތަމަ ރޭ 5000 އަށް ވުރެ ގިނަ މީހުން ކިއޫގައި ޖެހުނު ކަމަށެވެ.