ޚަބަރު

ހަދަންޖެހޭ ޓެސްޓްތައް ނަހަދާ އެއްވެސް ޒުވާނަކަށް ލައިސެންސް ނުދޭނެ


ޒުވާނުންގެ ލައިސެންސް ހަފްތާގައި ލައިސެންސް ދޫކުރަމުންދަނީ، ލައިސެންސް ދިނުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު ކަމަށާއި، މިކަމުން މަގުމަތި ނުރައްކާ ނުވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ޒުވާނުންގެ ލައިސެންސް ހަފްތާއާ ގުޅިގެން، ލައިސެންސް ލިބެންނުޖެހޭ ޒުވާނުންނަށް ލައިސެންސް ލިބި، މަގުމަތި ނުރައްކާވާނެކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވުމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، ޒުވާނުންގެ ލައިސެންސް ހަފްތާގައިވެސް ލައިސެންސް ދޫކުރަމުންދަނީ ކުރިންވެސް ލައިސެންސް ނެގުމަށްޓަކައި ހަދަންޖެހޭ ހުރިހާ ޓެސްޓްތަކެއް ހެދުމަށްފަހުކަމަށެވެ. އެހެން ކަމުން މިހަރަކާތުގައިވެސް ލައިސެންސް ލިބެންނުޖެހޭ، ނުވަތަ ދުއްވަން ނޭގޭ އެއްވެސް ޒުވާނަކަށް ލައިސެންސް ނުލިބޭނެކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

އަބްދުﷲ މުހައްމަދު ވިދާޅުވީ، މި ހަރަކާތަކީ ސީދާ ރައީސް ޔާމީންގެ އިސްނެންގެވުމަށް، ޤަވާއިދާ ޚިލާފަށް ވެހިކަލްތައް ދުއްވާ ޒުވާނުން ޤާނޫނީ އިމުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ފަހިކޮށްދިނުމުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތައް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށާއި އެގޮތުން، ހުކުރުދުވަހުގެރޭ 5 ހާހަށްވުރެ ގިނަ ޒުވާނުން ލައިސެންސް ނެގުމަށް ކިޔޫގައި ޖެހުނުކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން ފުރަމުންދާ ފޯމުގައި ޒުވާނުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ތަފުސީލު ހޯދަމުންދަނީ ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ފަސޭހަކުރުމުގެ ގޮތުން ކަމަށް ޢަބްދުﷲ ވިދާޅުވިއެވެ.

ލައިސެންސް ބޭނުންވާ ހުރިހާ ޒުވާނުންނަށް މިޕްރޮގްރާމްގެ ތެރެއިން ފުރުޞަތު ދިނުމަށްޓަކައި މިހަރަކާތް ދިގުދަންމާލުމަށް ވިސްނަމުންދާކަމަށްވެސް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި މިއަށްވުރެ ފަސޭހަ އިންތިޒާމެއްގެ ތެރެއިން އެފުރުޞަތު ދޭނެކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.
ޒުވާނުންގެ ޑިރައިވިންގ ލައިސެންސް ހަފްތާގައި ރޭ އެކަނިވެސް 196 ޒުވާނުންނަށް ލައިސެންސް ދޫކޮށްފައިވެއެވެ.