ޚަބަރު

ހުޅުމާލޭ ފްލޫ ކްލިނިކަށް 150 މީހުން ޑޮކްޓަރަށް ދައްކައިފި


ހުޅުމާލޭ ހޮސްޕިޓަލްގައި އިއްޔެ ހުޅުވި ފްލޫ ކްލިނިކަށް މިހާތަނަށް 150 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އާސަންދައިން ބުނެފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ، އިއްޔެ ހެދުނު އަށަކުން ފެށިގެން މެންދަމު ބާރަޔާ ހަމަޔަށް 150 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި މީގެ ތެރޭގައި ހުރިހާ އުމުރެއްގެ މީހުންވެސް ހިމެނޭ ކަމަށެވެ. އަދި މީގެ ތެރެއިން ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވަނީ ހުމާއި، އަރިދަފުސް ރޯގާ ޖެހިގެން ކަމަށް އާސަންދައިން ބުނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ޤައިމްކޮށްފައިވާ ފްލޫ ކްލިނިކްގެ ޚިދުމަތް ދެނީ ހެނދުނު އަށަކުން ރޭގަނޑު ބާރައަށެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި ފްލޫ ކްލިނިކް ހުޅުވީ، މިދުވަސްވަރަކީ ހަލުވިކަމާއިއެކު އިންފްލްއެންޒާ އަދި އަރިދަފުސް ރޯގާ ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ ހުޅުމާލޭ ގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން މާލޭގެ ހޮސްޕިޓަލަށް ދެއްކުމަށްވެސް ޚާއްޞަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ. އޭޑިކޭ ހޮސްޕިޓަލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސައުވީސް ވަނަ ދުވަހާ ހަމަޔަށް އެހޮސްޕިޓަލްގެ ފްލޫ ކްލިނިކަށް އެއްހާހަށްވުރެ ގިނަ މީހުން ދައްކާފައިވެއެވެ.

މިދުވަސްވަރު އިންފުލުއެންޒާއާއި އަރިދަފުސް ރޯގާ ފެތުރުން އިތުރުވެފައިވާތީ، ބަލިން ސަލާމާތްވުމަށް ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދުން ހިމެނެއެވެ.