ކުޅިވަރު

ނޯޔާ ނެތްނަމަ ޖަރުމަނު ކެޕްޓަނަކަށްވާނީ ކާކު؟


ގޯލްކީޕަރު މެނުއަލް ނޯޔާއަށް ވޯލްޑް ކަޕަށް ދާ ޖަރުމަނު ޓީމުން ޖާގަ ނުލިބިއްޖެނަމަ ކެޕްޓަންކަން ކުރާނީ ފޯވަޑް ތޯމަސް މުލާ ނުވަތަ މިޑްފީލްޑަރު ސާމީ ކެދީރާ ކަމަށް ކޯޗު ޖޯހިމް ލޯ ބުނެފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމުން ދަނީ މިދިޔަ ވޯލްޑް ކަޕުގެ އެންމެ މޮޅު ކީޕަރު ރަޝިޔާގައި އަންނަ މަހު 14ގައި ފަށާ މުބާރާތަށް ފިޓްވާނެ ކަމަށް އުއްމީދު ކުރަމުންނެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ނޯޔާ މެޗެއް ނުކުޅެ ހުރުމަކީ ކޯޗު ޖޯހިމް ލޯގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

"ތޯމަސް (މުލާ) އާއި ސްކޮޑުގެ ކޮންމެ ކުޅުންތެރިއަކާ ވަރަށް ގާތް ގުޅުމެއް އެބައޮތް. އޭނާ އެންމެނާ ވެސް ވާހަކަ ދައްކައި ކެޕްޓަނެއްގެ ރޯލު އަދާކޮށްދޭ، ނޯޔާ ނެތް ދުވަސްތަކުގައި. ކެދީރާ އަކީ ވެސް ކެޕްޓަނަކަށް ވަރަށް ރަނގަޅު ކުޅުންތެރިއެއް. މުލާ އާއި ކެދީރާ ނޯޔާ ނެތުމުން ކެޕްޓަންކަންކުރީ. ނޯޔާ ނެތްނަމަ މި ދެ ކުޅުންތެރިންގެ ތެރެއިން އެކަކު ކެޕްޓަންކަން ކުރާނީ،" ލޯ ބުންޏެވެ.

އޭނާ ވަނީ ނޯޔާއާއެކު ސްކޮޑަށް ހަތަރު ކީޕަރުން ނަގާފައެވެ. އަދި ނޯޔާ މިހާރު ޓީމުގެ ފަރިތަކުރުންތަކުގައި ފުލްކޮށް ބައިވެރިވި ނަމަވެސް ވޯލްޑް ކަޕް ޓީމުން ޖާގަ ލިބޭނެ ކަމާމެދު ކޯޗު ވަކިއެއްޗެއް ވަނީ ދެކޮޅު ހަދާފަ އެވެ.