ކުޅިވަރު

އަހަރެން ކުޅެނީ ކަނާތު ފައިން، ސަލާހް ކުޅެނީ ވާތުފައިން: ރޮނާލްޑޯ


އޭނާ އަކީ ކަނާތު ފައިން ކުޅޭ ކުޅުންތެރިއެއް ކަމަށާއި، ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހަކީ ވާތު ފައިން ކުޅޭ ކުޅުންތެރިއަކަށްވެފައި ދެ މީހުންނަކީ ވަރަށް ތަފާތު ދެ މީހުން ކަމަށް ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން ވާހަކަ ދައްކަމުން އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޓީމުގެ ފޯވަޑް ރޮނާލްޑޯ ބުނީ ދެ މީހުން އަޅާކިޔަން ނުޖެހޭ ވަރަށް ދެ ކުޅުންތެރިންގެ މެދުގައި ތަފާތު އެބަހުރި ކަމަށެވެ.

"އޭނާ ކުރު، އަހަރެން ދިގު، އޭނާ ކުޅެނީ ވާތުފައިން. އަހަރެން ކުޅެނީ ކަނާތު ފައިން، އަހަރެން ކުޅެން ބޮލުން ވެސް. އެނގޭތަ. އަހަރުމެން ދެ މީހުންނަކީ ވަރަށް ތަފާތު ދެ މީހުން. ބައެއް މީހުން އަހަރެންނާ ބައެއް ކުޅުންތެރިން އަޅާކިޔާ. އެކަމަކު ތަތާތު ކަންތައްތައް ބައިވަރު،" ސަލާހަށްވުރެ 5 އިންޗި 12 ސެންޓިމީޓަރު ދިގު ރޮނާލްޑޯ ބުންޏެވެ.

ނަމަވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ފަސް ފަހަރު ހޯދާފައިވާ ފޯވަޑް ބުނީ ސަލާހަށް މި ސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނެއް ކަމަށެވެ. މިސްރަށް އުފަން ސަލާހް ވަނީ މިހާތަނަށް ސީޒަނުގައި 43 ގޯލު ޖަހާފަ އެވެ. ރޮނާލްޑޯ ޖަހާފައިވަނީ 42 ގޯލެވެ.
ރޮނާލްޑޯ ބުނީ ޗެމްޕިއަންސް ލީގަކީ ވަރަށް ހާއްސަ މުބާރާތެއް ކަމަށާއި، ފަސް ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރަން ފުރުސަތު ލިބުމަކީ އޭނާއަށް ޤަބޫލު ވެސް ކުރަން ދަތި ކަމެއް ކަމަށެވެ.
ޔުރްކޭނުގެ ކިއޭވްގައި ކުޅޭ މިރޭގެ މެޗު ފަށާނީ 23:45ގައެވެ.