ކުޅިވަރު

ދަނޑު ބޭރުގެ ތާރީޚު ބުރަވަނީ ލިވަޕޫލް ކޮޅަށް!


ޗެމްޕިއަންސް ލީގުގެ ފައިނަލަށް މިރޭ ލިވަޕޫލާއި ރެއާލް މެޑްރިޑް ނުކުންނައިރު މޮޅުވާނީ ކޮން ޓީމެއްބާ؟ ދަނޑު ބޭރުގައި ހިނގާ ކަންކަމަށް ބަލައިގެން މޮޅުވާ ޓީމު ކަނޑައަޅާ މީހުން ބުރަވަނީ މިރޭ ލިވަޕޫލް ތަށި ހޯދާނެ ކަމަށެވެ. އެއީ ކީއްވެބާ؟

މި ދެ ޓީމު ފައިނަލްގައި މީގެ ކުރިން ކުޅުނީ 1981 ވަނަ އަހަރުއެވެ. އެފަހަރު 1-0 ން މޮޅުވެ މުބާރާތުގެ ތަށި ހޯދީ ލިވަޕޫލުންނެވެ. އެއަހަރު ހިނގި މުހިންމު ހާދިސާތަކަށް ބަލާއިރު އިނގިރޭސީ ޝާހީ ގަނޑުވަރުގެ ކައިވެންޏަކީ މުހިންމު ހާދިސާއެކެވެ. ވަލީއަހުދު ޕްރިންސް ޗާލްސް ޕްރިންސަސް ޑަޔާނާއާ ކައިވެނި ބައްލަވައިގަތީ އެ އަހަރުއެވެ. އަދި ޖަރުމަނު ކަޕް ތަށި ފްރޭންކްފަޓުން ހޯދީ ވެސް އެ އަހަރުއެވެ. މީގެ އިތުރުން 1981 ވެގެންދިޔައީ މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް މަހާތީރު މުހައްމަދު އިންތިހާބުވި އަހަރަށްވެސްމެއެވެ.

މި ހުރިހާ ކަމަކާއެކު 1981 އާއި 2018 ވަނަ އަހަރު އިއްތިފާޤު ކަންތައްތަކެއް އެބަހުރިކަމަށް ބުނެ ޝޯޝަލް މީޑިޔާ ވަނީ ބަންޑުންވެފައެވެ. މި އަހަރުގެ ތެރޭގައި މަހާތީރު މެލޭޝިޔާގެ ވެރިކަމަށް އަލުން ވަޑައިގަތުމާއި، ފްރޭންކްފަޓުން ޖަރުމަނު ކަޕް ކާމިޔާބު ކުރުމާއި ޕްރިންސް ހެރީ ކައިވެނި ބައްލަވައިގަތުމަކީ ލިވަޕޫލާމެދު އުފާވެރި ނަޒަރަކުން ބަލާމީހުންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މި ހިސާބުތަކަށް ރެއާލް މެޑްރިޑްގެ ސަޕޯޓަރުން އޮތީ ހަނުހިމޭނުންނެވެ. އެމީހުން ބުނަނީ ބޭކާރު ހިޔާލީފޮލާގެ ތެރެއަށް ގެނބިނުގަނެ ނަތީޖާ ދައްކާނީ ދަނޑުމަތިން ކަމަށެވެ.